ފުރާވަރު ކުދިންނަށް ޚާއްސަކޮށްގެން ހުޅުވި ފުރަތަމަ ޓީން ސެންޓަރ ކުޅުދުއްފުށީގައި

l_1540109781259wzm.jpg

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޓީން ސެންޓަރު --- ފޮޓޯ: ޓީން ސެންޓަރު

ފުރާވަރު ކުދިންނަށް ޚާއްސަ ކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ ޓީން ސެންޓަރ ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖްލިސް މެންބަރު މުހައްމަދު ނަޝީދުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު އެރަށުގައި މި ޓީން ސެންޓަރުގައި ގާއިމް ކޮށްފައިވަނީ ފުރާވަރު އުމުރުގެ ކުދިން މުނިފޫހިފިލުވައި، ޚިޔާލު ބަދަލުކޮށް ފިލާވަޅު ދަސްކުރާނެ ހިތް ފަސޭހަ މާހައުލަކާ އެކުގައެވެ. މި ޓީން ސެންޓަރުގައި ލައިބްރަރީ އަކާއި ތިއޭޓަރ ކަރޯކޭ ރޫމަކާއި ގްރޫޕް ސްޓަޑީ ރޫމަކާއި ޖިމް އެއްގެ އިތުުރުންވެސް ފުރާވަރު ކުދިންގެ ދުޅަހެޔޮކަމާއި ތަރުބަވީ ތައުލީމަށް ބޭނުނާ ގިނަ ވަސީލަތްތަކެއް ވެސް ވަނީ ގާއިމް ކޮށްފައެވެ.

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޓީން ސެންޓަރު — ފޮޓޯ: ޓީން ސެންޓަރު

މި ޓީން ސެންޓަރުން ފުރާވަރު ކުދިންނަށް ބޭނުންވާނެ ލައިފް ސްކިލް ޕްރޮގްރާމުތައް ހިންގައި މި އުމުރުގެ ކުދިންނަށް ބޭނުންވާނެ ކައުންސިލިންގެ ހިދުމަތް ވެސް ކޮންމެ މަހަކު މާލެއިން ކަމާ ބެހޭ މާހިރުން ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށް ދޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.

12 އަހަރާއި 19 އަހަރުގެ ކުދިންނަށް ޚާއްސަ ކޮށްގެން ގާއިމްކޮށްފައިވާ މި ސެންޓަރުގެ މަގްސަދަކީ ކުށާއި ބޭކާރު ދިރިއުޅުމުން ކުދިން ދުރުކޮށް، އުފެއްދުންތެރި ފަރުދުންނަށް ބަދަލުކުރުމަށް ބާރުއެޅުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރާ ބަޔަކަށް ކުދިން ހަދައި، އެކުދިންނަކީ ޤާބިލް ބަޔަކަށް ހެދުމަށް އެހީވެދިނުން ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން ސިއްޙީ ގޮތުން ފައިދާ ހުރި ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ތަނެއް ހަމަޖައްސައިދީ، މުނިފޫހިފިލުވުމާއި، މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ވެސް މިސެންޓަރުގެ މަގުސަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top