ދެ ދޯނިދޭތެރޭގައި ފިތިގެން އިއްޔެ މަރުވި، ބ. ހިތާދޫ ޢަބްދުﷲ އަޙުމަދުގެ އެކްސްރޭއިން ދައްކާ ގޮތުގައި، އޭނާގެ މޭކަށީގެ ގިނަ ކަށިތައް ބިނދިފައިވާ ކަމަށް މ. މުލީ ރީޖަަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
މުލީ ރީޖިނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒް އާ ހަވާލާ ދީ “ސަން” ގައި ބުނެފައިވާ ގޮތުން އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތުއިއްޔެ ހަވީރު 5:15ހާއިރު ލިބުމާއެކުމުލީ ރީޖިނަލް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުން ހިމެނޭ ޓީމެއް، އެމްއެންޑީއެފްގެ ހާބަ ޕެޓްރޯލްގައި، ހާދިސާ ހިނގި ތަނަށް ދިޔައެވެ.
އެ ޓީމުގެ މެޑިކަލް އޮފިސަރު ގޮސް އަބްދުﷲ ބެލުމަށްފަހު، އޭނާ އެވަގުތުވެސް މަރުވެފައިވާކަމަށް ބުނި ކަމަށް ނާފިޒް ވިދާޅުވި ކަމަށާއި ނަމަވެސް އިތުރު ޓެސްޓުތައް ހެދުމަށް މުލީ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ނާފިޒު ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގައި އީސީޖީ ސްކޭނަކާއި އެކްސްރޭއެއް ނެގި ކަމަށާއި، އެކްސްރޭއިން ދައްކާ ގޮތުގައި، ޢަބްދުﷲގެ މޭކަށިގަނޑުގެ ގިނަ ކަށިތައް ބިނދިފައިވާކަން ފާހަގަވި ކަމަށް ނާފިޒު ވިދާޅުވިއެވެ.
މީގެ އިތުރުން ނާފިޒު ވިދާޅުވީ ޢަބްދުﷲގެ އާއިލައިން ބޭނުންވީ ވީހާވެސް އަވަހަކަށް ހަށިގަނޑު މާލެ ގެންނަން ކަމަށާއި އެހެންކަމުން މިއަދު ހެނދުނު ހަށިގަނޑު މާލެ ގެންގޮސްފައިވާ ކަމަށެވެ.
މިފަދަ ހާދިސާތަކަށް ފުުރުސަތު ނުދިނުމަށްޓަކައި، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށްފަހު މިފަދަ މަސައްކަތް ކުރިއަށް ގެންދިއުމަށް ނާފިޒު އިލްތިމާސް ކުރެއްވިއެވެ.
ދޯންޏާ ހަވާލުވެގެން އުޅޭމީހުން، ހާއްސަކޮށް ކަނޑު ގަދަ ދުވަސްވަރު ސަމާލުވާން ވާނެކަމަށާއި ދޯނި ބަންޑުންޖަހާލުން ފަދަ ހާދިސާތަކުން ވެސް ސަލާމަތް ވެވޭނީ އޭރުން ކަމަށް ނާފިޒް ވިދާޅުވިއެވެ.