މ. ކޮޅުފުށި ކައިރީގައި ދެ ދޯނި ކައިރި ކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ ފިތިގެން ބ. ހިތާދޫ އަބްދުﷲ އަހުމަދު، 60އ.މަރުވެއްޖެއެވެ.
ފުލުހުން ބުނީ ދެ ދޯނި ދޭތެރޭ މީހަކު ފިތުނު ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައި ވަނިކޮށް މ. ތުވަރު ކައިރިން ބަނދަރުކޮށްގެން އޮތް ދެ ދޯންޏެއް ކައިރިކޮށްގެން އުޅުމުގެ ތެރޭގައި މިއަދު ހަވީރުކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެނައިއިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަބްދުﷲ އަހުމަދު އަކީ މާލެ އިން މުދާ ބަރުކޮށްގެން އައްޑު އަށް ދަތުރުކުރި ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ.
އެ ހާދިސާ ހިނގި ދެ ދޯނި ދުއްވާ ލިޓަސް ކުންފުނިން ބުނީ އަބްދުﷲ ފިތުނީ އެއް ދޯނީގައި ހުރި ކޮންޓެއިނަރަކާއި އަނެއް ދޯނީގެ ފައްގަނޑާ ދޭތެރެއަށް ކަމަށް ބެލެވޭ ކަމަށެވެ.
ލިޓަސްގެ އޮފިޝަލް ވިދާޅުވީ ހިނގި ހާދިސާއަށް ފަހު އަބްދުﷲ ދޯނިތެރެއަށް ވެއްޓުނީ، ތެދުވެ ހިނގައިގަތް ފަހުން ކަމަށެވެ.
ހާދިސާ އަށް ފަހު ސީއެމްބިއުލާންސްގައި އަބްދުﷲ ގެންދިޔައީ ތުވަރާ 22 ކިލޯމީޓަރު ދުރުގައި އަތޮޅުގެ އިރުމަތީ ބިތުގައި އޮތް މުއްޔަށެވެ.
އަބްދުﷲ މަރުވިއިރު، އޭނާގެ އަންބަކާއި ފަސް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. ކުރިން މަސްވެރިކަމަށާއި ކަންނެއްޔަށް ދިޔަ އަބްދުﷲ ލިޓަސްގެ ވަޒީފާ އަށް ވަނީ 2018ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.