ބޮލީވުޑްގެ މަޝްހޫރު ޖޯޑު ދިޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް ގެ ކައިވެނި އަންނަ ނޮވެމްބަރ މަހުގެ 14 ގައި ކުރާނެ ކަމަށް އެންމެ ފަހުން މި ދެތަރިން ޔަގީން ކޮށްދީފިއެވެ.
ކައިވެންޏާ ގުޅިގެން ދެމީހުން މިއަދު ނެރެފައިވާ ރަސްމީ ބަޔާނާ އެކު އެމީހުންގެ ކައިވެނީގެ ދައުވަތުކާޑުވެސް ވަނީ ޕޯސްޓް ކޮށްފައެވެ. ހިންދީއާއި އިނގިރޭސި ބަހުން ދެ ކާޑުވަކިން ހިމެނޭއިރު އެކާޑުގައި ލިޔެފައިވަނީ ވަނީ އާއިލާގެ ހެޔޮއެދުމާއެކު އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހު ކައިވެނީގެ ހަފްލާ އޮންނާނެކަން އުފަލާއެކު އިއުލާނު ކުރާ ކަމަށާ ވޭތުވެދި އަހަރުތަކުގެ ތެރޭގައި ހެޔޮއެދޭ ފަރާތްތަކުން ލިބުނު ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ.
32 އަހަރުގެ ދީޕިކާ އާއި ދިޕިކާ އަށް ވުރެ އެއް އަހަރު ހަގު 31 އަހަރުގެ ރަންވީރުގެ ކައިވެނި އޮންނާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވަނީ އިޓަލީގެ ޕިކްޗަރެސްކް ލޭކް ކޯމޯގަ އެވެ. އެކަމަކު ޕޯސްޓް ކޮށްފައިވާ ކާޑުގައި ކައިވެނި ކުރާ ތަނެއް ބުނެފައެއް ނުވެއެވެ.
ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި މަޝްހޫރު ވެފައިވާ ރަންވީރުއާ ދިޕިކާ ރައްޓެހި ވެފައިވަނީ 2013 ގައި ދެމީހުން އެކުގައި ކުޅުނު ސަންޖޭލީލާ ބަންސާލީގެ ގަލިޔޯންކީ ރަސޭލާގެ ޝޫޓިންގ ތެރެއިންނެވެ.
އޭގެ ފަހުން ދެމީހުން އެކުގައި ޕާޓީ ތަކުންނާ އެކިއެކި އިވެންޓްތަކުން ފެނި މިހާރު ކައިވެންޏާ ހަމައަށް ދިޔަ ނަމަވެސް އެމީހުންނަކީ ރައްޓެހިވެގެން އުޅޭ ބައެއްކަމަށް އެއްބަހެއް ނުވެއެވެ.