އޭދަފުށީ ރައްޔިތުންގެ ހުވަފެން އެންމެފަހުން ހަގީގަތަކަށް…!؟

eydhafushi1.jpg

އޭދަފުށީ ރައްޔިތުން އެތައްއަހަރެއްވަންދެން އިންތިޒާރުކުރަމުން އައި އޭދަފުށީ ބިންހިއްކުމުގެ މަސައްކަތް މިއަދު ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށް އުއްމީދުތަކުގައި ކުލަޖެހުމުގެ ކޮޅުމަތި ދައްކާލައިފިއެވެ.

އޭދަފުއްޓާއެކު ރާއްޖޭގެ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ހައުސިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ މިރަށްރަށުގެ ބިންހިއްކުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފެށޭވަރުވާނޭކަމަށެވެ. އޭދަފުށީގެ އިތުރުން މިއަދު ބިންހިއްކުން ހަވާލުކުރި އަނެއް 3 ރަށަކީ ދ. މީދު، ދ. ކުޑަހުވަދޫ އަދި ކ. ތުލުސްދޫއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ބަޖެޓުން 570 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ހަ މަސް ނޫނީ އަށް މަސް ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި ހިއްކާ ނިމޭއިރަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށޭނެކަމަށެވެ.

“ހަ މަހާއި އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. ބިންހިއްކުމުގެ މަސައްކަތް ނިމުމުން ފަސް ގަނޑު ހިމާޔަތް ކުރުމަށް ލާންޖެހޭ ތޮށި ލުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ،” މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރަށްރަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ކިހާބޮޑުމިނުގެ އަދަދެއްކަމެއް މިނިސްޓަރ ވިދާޅެއްނުވިއެވެ. އެހެންނަމަވެސް އެރަށަކުން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭދަފުށީގެ ފަޅުން 25 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކޭނެކަމަށް ހައުސިންގް މިނިސްޓްރީއާ ހަވާލާދީ އޭދަފުށީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ. އެހެންވެއްޖެނަމަ އޭދަފުށީގެ ވަޑައިގެންވާ އެންމެހާ ފަޅުގެ ސަރަހައްދުތައްކަހަލަ ގޮތަކަށް ހިއްކާނެކަމަށްވެއެވެ.

ބިންހިއްކުމުގެ މަޝްރޫއު އޭދަފުށީގައި ފެށުމަށް އެއްބަސްވުމުގައި ސޮއިމިކުރެވުނީ ދައުލަތުގެ ބަޖެޓްގައި 2012 އަދި 2013 ވަނައަހަރުވެސް ބިންހިއްކުމަށް ބަޖެޓްކުރުމަށްފަހު އެއިން އެއްވެސް އަހަރަކު އެކަމުގެ އަމަލީމަސައްކަތެއް ނުކުރެވި ވަނިކޮށެވެ. އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރ މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކުރިން އޭދަފުށީގެ ބިން މުޅިން ހިއްކައި ނިންމާލެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކޮށްދެއްވުމަށް ހައުސިންގް މިނިސްޓަރަށް ދަންނަވާފައިވާކަމަށާ، އެކަން ވެދާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ.

3100 އަށްވުރެ ބޮޑުއާބާދީއެއް އޮތް އޭދަފުށީގެ ބިންފުރި ތޮއްޖެހުމުގެ ސަބަބުން ވޭތުވެދިޔަ 25 އަހަރުދުވަހުގެތެރޭގައި ދިރިއުޅުމަށް އެއްވެސްފަރާތަކަށް ގޯތިދީފައެއް ނުވެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު