ބ. ހިތާދޫ ސްކޫލުގެ 75 އަހަރީ އަލިމަސް ޔޫބީލް ކުލަގަދަކޮށް މިއަދު ފާހަގަކޮށްފިއެވެ.
މި މުނާސަބާ ޝަރަފްވެރި ކޮށްދެއްވީ ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު އެވެ.
ތަޢުލީމީ ވުޒާރާގެ އިސްވެރިންނާއި، ދާއިރާގެ މަޖިލިސް މެންބަރާއި، ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހިތާދޫ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނޭ އެންމެ ދުވަސްވީ އަދި ޤައުމަށް ގިނަ ޚިދުމަތްތެރިންތަކެއް ނެރެދީފައިވާ ސްކޫލެއް ކަމަށެވެ. އަދި ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޢަބްދުﷲ ވަނީ، މިއަދު ފާހަގަކުރާ އަލިމަސް ޔޫބީލަކީ ރައްޔިތުން ވި ޤުރުބާނީގެ ހައްގު މޭވާ ކަމަށާއި، ސްކޫލުން ތަޢުލީމު ޙާޞިލުކުރި އިސްދަރިވަރުންގެ ތެރޭގައި އެތައް ދީނީ ޢިލްމުވެރިންނާއި ޤާބިލު ދަރިންތަކެއް ބިނާވެފައިވާ ކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި، ޚިދުމަތް ކުރެއްވުމަށްފަހު ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ޝަރަފުގެ އެވޯޑު ވަނީ ޙަވާލުކޮށްފައެވެ.
1951 ވަނަ އަހަރުގެ އެޕްރީލް 17 ގައި 200 އެއްހާ ދަރިވަރުންނާއެކު ކިޔަވައިދޭން ފެށި ބ. ހިތާދޫ ސްކޫލަކީ، އެކި ތަރައްޤީގެ މަރުޙަލާތައް ކަޑައްތުކޮށް މިއަދު މުޅި ޤައުމު ފަޚުރުވެރިވާފަދަ ގިނަ ދަރިންތަކެއް އުފައްދަމުންދާ ނަމޫނާ ސްކޫލެކެވެ.






