ޕީޕީއެމްއަށް އެއްޗެހި ގޮވަންޏާ ރައްދު ދެވޭނެ: ޑރ.ޝަހީމް

ޗސދވސދ-850x548-1.jpg

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި އިދިކޮޅު ޕީޕީއެމްއަށް އެއްޗެހި ގޮވަންޏާ، އެކަމަށް ރައްދު ދެއްވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ނުކުންނެވި ޑރ.ޝަހީމަކީ ޕީޕީއެމްގެ އެޑްވައިޒަރެކެވެ. އެޕާޓީގެ މުހިންމު ޚާއްސަ ބައްދަލުވުންތަކުގައި މިހާރުވެސް ޑރ.ޝަހީމް ބައިވެރިވެވަޑައިގަންނަވައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާތަކުގައި އިދިކޮޅު ޕީޕީއެމްއަށާއި ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑު ކިޔައެވެ. ރައީސް ޔާމީނާއި ޕީޕީއެމްއަށް އެންމެބޮޑަށް ފާޑުކިޔަމުންދާ ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފާހަގަ ކުރެވެ އެވެ.

އަބްދުﷲ ޝާހިދު ޓެގްކުރައްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަކީ ކޮންމެ ދިމާއަކުން ބިނާކުރަނިވި ޚިދުމަތްތަކެއް ގައުމަށް ކޮށްދީފައިވާ ޕާޓީއެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމުކުރި ބޮޑެތި ބިޔަ މަޝްރޫއުތައް އެހުރީ ފެންނަން ކަމަށާ، ޝާހިދުމެން އެތެރޭގެ ޕްރައިމަރީގައި ޕީޕީއެމަށް އެއްޗެހި ގޮވަންޏާ ރައްދު ދެވޭނެ ވާހަކަ ދަންނަވާކަމަށް ޑރ.ޝަހީމް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ މުޒާހަރާކޮށް އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަމުންނެވެ. ބައެއް ރަށްރަށުގައި މިކަންކަން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތާއެކު ހަމަނުޖެހުން އުފެދި މީހުން ހައްޔަރުވެސް ކުރެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. މި އިންތިޚާބަށް ފޯރިގަދަ ކެމްޕެއިނެއް ދެ ކެންޑިޑޭޓުންވެސް ކުރައްވަމުން އަންނައިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މި އިންތިޚާބަށް ހުއްޓިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top