ވިއްސާރަވާނޭ ކަމަށްލަފާކޮށް މުޅި ރާއްޖެއަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މިއެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ.
އެލާޓުގެ ވަގުތުގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެއިދާރާއިން ލަފާ ކުރާ ގޮތުގައި، ރާޅުގެ އުސްމިން ދެކުނުގެ ސަރަހައްދު ތަކުގައި ދެ ފޫޓާއި ފަސް ފޫޓާއި ދެމެދު ހުންނާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދު ތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށެވެ.
ރާއްޖެ އަށް ވިއްސާރަވާން ފަށާފައި މި ވަނީ ބައެއް ހިސާބުތަކަށް ވާރޭ ނުވެހޭތާ ދުވަސްތަކެއް ފަހުންނެވެ.