މިއުޒިކް މިވަނީ މީހުންގެ ޒަމީރުތަކާ ގުޅިލާމެހިފައި : ހިސާން

175820_3_30a18a7ba5356c03b21259620fc504fe6a353f24_medium.jpg

މިއުޒިކް މިވަނީ މީހުންގެ ޒަމީރުތަކާ ގުޅި ލާމެހިފައި ކަމަށާ މިއުޒިކާ އިންސާނާއާ މިއަދު އަޅުގަނޑުމެން ވަަކިކުރާނީ ކިހިނެއްތޯ އައްސަވައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން، ސުވާލު އުފައްދަވައިފި އެވެ.

ހިސާން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ “މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް” ހަދަން ގޮވާލާ ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހޯމަދުވަހު މެންބަރު ދެއްކެވި ވާހަތަކާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“ވަށައިގެން އިވޭ އަޑުތަކާ، އަޑުތައް އެމީހުންނަށް ލައްވަން ދަސްވީއްސުރެ މިއުޒިކް މިވަނީ މީހުންގެ ޒަމީރުތަކާ ގުޅިލާމެހިފައި. މިއުޒިކާ އިންސާނާއާ މިއަދު ވަކިކުރާނީ ކިހިނެއްތޯ އަޅުގަނޑުމެން؟” ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އިންސާނާ ދުނިޔެއަށް އުފަންވީއްސުރެ މިޔުޒިކަކީ އިންސާނުންގެ ތަބީއަތުގެ ބައެއްކަމަށާ މިއަދު ދައްކާ ވާހަކައަކީ ސަގާފަތާއި އެކު ދިވެހިންނަށް ދިވެހިންގެ ގޮތުގައި މުޖުތަމައުގައި އުޅުމަށް ފުރުސަތު ހޯދައިދޭންޖެހޭ ވާހަކަ ކަމަށެވެ.

ހިސާންގެ އިތުުރުން އެމްޑީޕީގެ ރައީސް އާއި ބައެއް މެންބަރުންވެސް ދަނީ މިއުޒިކާބެހޭ ގޮތުން ދީނީ ބައެއް އިލްމުވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ދެކޮޅަށް މަޖިލީހުގައާއި އެކިއެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މަޖިލިސްގެ ރައީސް ނަޝީދު މިއަދު ކުރެއްވ ޓްވީޓެއްގައި ވިދާޅުވީ މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށާ ބައެއްގެ އާއްމު ދިރިއުޅުމަށް ހަރާމަށް ގޮވުމަކީ މުޖުތަމައު ރޫޅާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، ހަރާމް ކަންތަކާއި ހަލާލު ކަންތައްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް ބުނާ ވާހަކައަކީ ތެދެއް ކަމަށާއި، ހަމަ އެގޮތަށް ހަރާމް ކަންތައްތަކާއި ހަލާލު ކަންތައްތައް ކަނޑައަޅާނީ ވައިބާ ގުރޫޕަކުން ވެސް ނޫން ކަމަށެވެ.

އަދި މި ދިވެހި މުޖުތަމައުގައި “ދިރިހުންނާނީ ކާކުތޯ އާއި، ކަރު ބުރިކޮށްލާނީ ކާކުގެތޯ ކަނޑައަޅާނީ ތޯރާބޯރާ އިން ފޮނުވާފައި ހުންނަ އަމީރެއް ވެސް ނޫން” ކަމަށް ހިސާން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top