ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށްފަހު މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ މައިންބަފައިންނަށް ހެޔޮކޮށްހިތުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
މައިންބަފައިންނަށް ކަމޭހިތުމުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ޚުލްޤުފުޅު ކަމަށާއި އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާސިލްކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ކަމަށެވެ.
ހަމައެހެންމެ، މާތް ﷲ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފައިވާ ކަމަށާއި އެ ދެ މީހުންގެ ހައްގުތަކަކީ ނުހަނު މަތިވެރި ހައްގުތަކެއްކަން ފާހަގަކުރައްވައި، ދަރީންގެ ބާއްޖަވެރިކަމަށްޓަކައި މައިންބަފައިންވާ ގުރުބާނީގެ އަގު ވަރަށް ބޮޑުކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. 
“ކީރިތި ޤުރުއާނުގެ 7 ތަނެއްގައި ﷲ ތަޢާލާ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އޭގެތެރެއިން 4 ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޝަރީކު ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ.” ޚުޠުބާގައި ބުންޏެވެ.
މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހަކު ވާހުށީ ބާއްޖަވެރި ތަވާޟުޢުވެރި މީހަކަށް ކަމަށާއި އެއީ ދީލަތިކަމުގެ ސިފައެއް ކަމުގައި ވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
މައިންބަފައިންނަށް ކިޔަމަންތެރިވެ އިހުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ މަގު ފަހިވާ ކަމެއް ކަމަށެވެ. އަދި އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލުތަކުގެ ތެރޭގައި ހިމެނޭ، ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ އަމަލެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ.






