ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 12 ކްލާސްރޫމް ހިމެނޭ ހަތަރުބުރީގެ އާއިމާރާތެއް އެޅުމަށް ހަމަޖެހިއްޖެކަމަށް އެމަރުކަޒުން ބުނެފިއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއިމާރާތް އެޅުމަށްޓަކައި މިހާރު އެމަރުކަޒުގެ ހުޅަނގު އުތުރު ކަންމަތީގައި ބޭނުންކުރާ ދުވަސްވީ 3 ކްލާސްރޫމް ތަޅާލުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. އެމަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ އީވީއަށް ވިދާޅުވީ ހަތަރުބުރީގެ މިއިމާރާތް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާކަމަށާ، މިއީ ވޯލްޑް ބޭންކްގެ އެހީގައި އަޅާ އިމާރާތެއްކަމަށެވެ. އަދި މިކްލާސްރޫމްތައް ނިމުމުން ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
” މިހާރު މިއޮތީ ތަޅާލަން ބަޔަކާ ހަވާލުކޮށްފައި. ހަބަރުލިބޭގޮތުން މިއަހަރު އިމާރާތްކުރަން ފަށާނެ. މިހާރު މިދާގޮތުން އަންނަ އަހަރުގެ ނިޔަލަށް އިމާރާތްކޮށް ނިމޭނެކަމަށްވޭ. އެހެންވެއްޖެއްޔާ 2016ގައި އެއްދަންފަޅިއަށް ބަދަލުކުރެވޭނެ” އަހްމަދު އަލީ ވިދާޅުވިއެވެ.
އަހްމަދު އަލީ ވިދާޅުވީ މިއިމާރާތް ނިމުމުން މިހާރުދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ މިހާރު ޓީއާރުސީގައި ކުރިޔަށްދާ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކުލުނުވެހި ކްލާސްތައްވެސް ތައުލީމީ މަރުކަޒަށް ބަދަލުކުރެވޭނެކަމަށެވެ.
1978 ވަނައަހަރު ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖޭތެރޭގައި ހުޅުވި ސްކޫލް ކަމުގައިވާ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 1ން 12 އަށް ކިޔަވައިދޭއިރު މިވަގުތު 700 އަށްވުރެ ގިނަކުދިން އެސްކޫލްގައި ތައުލީމް ހާސިލްކުރަމުންދެއެވެ.