އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ މިރޭކުޅޭމެޗުގެ ފުރަތަމަ 11 ން ބަކާއާ، ޝާފިއުއަށް ޖާގަދިނުން ވަރަށްމުހިއްމުކަމަށް އޭދަފުއްޓަށް އުފަން ކުރީގެ ގައުމީޓީމްތަކުގެ ތަޖުރިބާކާރު ޑިފެންޑަރ މުހައްމަދު ޖަމީލް (ޖަމްބޭ) ބުނެފިއެވެ.
އިއްޔެ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޖަމްބޭ ބުނީ މިޔަންމާ އަތުން 2-3 ލަނޑުން ރާއްޖެ ބަލިވުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ގައުމީ ކޯޗް މަމިޗް ފުރަތަމަ 11 އަށް ނެރުނުނު ކުޅުންތެރިންގެ ސަބަބުން ކަމަށާއި އެގޮތުން ޑިފެންސާއި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މުހިންމު ކުޅުންތެރިން ފުރަތަމަ 11 އިން ނުފެނި އެކުޅުންތެރިން ބެންޗުގައި ތިބި ތިބުމަކީ ރާއްޖެ ބަލިވުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ. ޖަމްބޭ ބުނީ، މުހައްމަދު އާރިފް (ބަކާ) އާއި ފާއިތުވި ތިން އަހަރު ގައުމީ ޓީމުގެ ޑިފެންސްލައިން ބެލެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރި ޝާފިއު އަހުމަދު (ޝާފީ) އަށް ކުރިއަށް އޮތް މެޗުގެ ފުރަތަމަ 11 އިން ޖާގަ ދިނުން ވަރަށް މުހިންމު ކަމަށެވެ.
“ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅު ކުރަން ޖެހޭނެ. ކުރިއަށް އޮތް ދެ މެޗަކީ ރާއްޖެ އަށް މުހިންމު ދެމެޗެއް. މިޔަންމާ މެޗުގައި ޓީމުގެ ޑިފެންޑާރުންގެ ފަރާތުން ފެނިގެން ދިޔައީ އެންމެ އެދެވޭ ކުޅުމެއް ނޫން. އަހަރެން އެކަމާ ކަންބޮޑުވޭ. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ލިބުން،” ގައުމީ ޓީމަށް މެދުނުކެނޑި 10 އަހަރު ކުޅެފައިވާ ޖަމްބޭ ބުންޏެވެ.
ގްރޫޕް އޭގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މެޗް ފަށާނީ ރޭގެ ގަނޑު 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.