އޭނާގެ 31 ވަނަ އުފަންދުވަހު މެންޗެސްޓާ ސިޓީގެ ވެރިން ތަހުނިޔާ ނުކިޔާ ކަމަށާއި އަދި އޭނާ އަށް އިހްތިރާމް ނުކުރާ ކަމަށްބުނެ ޔާޔާ ޓޯރޭ ކުލަބު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ޓޯރޭ މިހެން ބުނީ ސިޓީގެ މެނޭޖްމަންޓާމެދު ހިތްހަމަނުޖެހިގެން ޓޯރޭ ކުލަބު ދޫކޮށްލާނެ ކަމަށް އޭނާ އެޖެންޓް ދެއްކި ވާހަކަތައް އޭނާގެ އަނގައިން ނުބުނަނީސް އެވާހަކަތައް ގަބޫލުނުކުރުމަށް ޓޯރޭ އެދުނުތާ އެއްދުވަސް ފަހުންނެވެ.
“އެޖެންޓް ދެއްކީ މުޅިން ވެސް ރަނގަޅު ވާހަކަ. އަހަރެންނަށް ކުލަބުން ދިނީ ކޭކެއް އުފަންދުވަހު. އެކަމަކު އެމީހުން އަހަންނަށް ތަހުނިޔާ ކިޔާފައެއްނުވޭ” ޓޯރޭ ބުންޏެވެ.
އައިވަރީ ކޯސްޓްގެ ކުޅުންތެރިޔާގެ އެޖެންޓް ބުނީ ޓޯރޭގެ އުފަންދުވަހު ބައްދަލުވުމުން ވެސް މެންޗެސްޓާ ސިޓީގެ ވެރިން ކުޅުންތެރިޔާއާ ސަލާމް ވެސް ކޮށްނުލާ ކަމަށެވެ. މިއީ ކުޅުންތެރިޔާ އަށް އިހްތިރާމް ނުކުރުން ކަމަށާއި ޓުވިޓާ މެދުވެރިކޮށް ތަހުނިޔާކިޔާފައިވާ ކަމަށް ކުލަބުން ބުނުމަކީ ޖޯކެއް ކަމަށެވެ.
“މިއީ ރޮބާޓޯ ކާލޮސް ނަމަ މިކަން ބަދަލުވާނެ. އޭނާގެ 38 ވަނަ އުފަންދުވަހު އަންޒީގެ ވެރިން އޭނާ އަށް ދިނީ 800000 ޕައުންޑުގެ ކާރެއް. އަހަރެން ނުބުނަން ޓޯރޭ އަށް ކާރެއް ދޭކަށް. އެކަމަކު އެންމެ ކުޑަމިނުން ސަލާމްކޮށްލެވޭނެ. މި ދައްކަނީ ފައިސާ އަށްވުރެ ބޮޑަށް އިހްތިރާމްގެ ވާހަކަ،” އެޖެންޓް ބުންޏެވެ.
ސްޕޭނުގެ ބާސެލޯނާގެ ކާލޮސް ފުޔޯލްގެ އެޖެންޓްކަން ވެސް ކުރާ ޓޯރޭގެ އެޖެންޓް ބުނީ ސިޓީއާ ހިލާފަށް ބާސެލޯނާއިން ޓޯރޭއ އެކުލަބަށް ކުޅުނުއިރު އޭނާއާމެދު ހިތާފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. މިހެންވެ އަންނަ ސީޒަނުގައި އޭނާ އަލުން ބާސެލޯނާ އަށް ހިނގައިދާނެ ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
ޓޯރޭ ވަނީ އޭނާ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބެނީ އޭނާ އަކީ އެފްރިކާގެ ކުޅުންތެރިއަކަށްވުމުން ކަމަށް ވެސް މީގެ ކުރިން ބުނެފަ އެވެ.