މޯލްޑިވް ގޭސް އިން ވިއްކާ ކައްކާގޭހުގެ އަގު ފުޅިއަކުން 25ރ. ހެޔޮ ކުރުމާއި ގުޅިގެން އެކުންފުނީގެ އޭދަފުށީގެ އެޖެންޓް ، ކިރިލި ފިހާރައިންވެސް ގޭހުގެ އަގު ހެޔޮކޮށްފިއެވެ. ކިރިލި ފިހާރައިގެ ވެރިޔާ މުހައްމަދު ޝާކިރު ވިިދާޅުވި ގޮތުގައި ކުރިން 255ރ.އަށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއް މިއަދުން ފެށިގެން ވިއްކަމުން ގެންދާނީ 230ރ.އަށެވެ.
މޯލްޑިވްގޭސްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު (މާނު) ވިދާޅުވީ، އެ ކުުންފުނިން ގޭބިސީތަކަށް ވިއްކަމުން އަންނަ ކައްކާ ގޭސް މިއަދުން ފެށިގެން އަންނަ ޝައްވާލު މަހު ހަރޯދަ އާއި ހަމައަށް އަގުހެޔޮ ކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އެ ކުންފުނިން ވިއްކާ 10 ކިލޯގެ ގޭސްފުޅިއަކުން 25 ރުފިޔާ ހެޔޮކޮށްފައިވާ ކަމަށާއި، އަގަށް ގެނެވުނު މި ބަދަލާއެކު ކުރިން 200 ރުފިޔާއަށް ވިއްކަމުން ދިޔަ ގޭސްފުޅިއެއް ދެން ވިއްކާނީ 175 ރުފިޔާއަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މި ބަދަލާ އެކު އަތޮޅުތަކުގައި މޯލްޑިވް ގޭސް ވިއްކާ އެޖެންޓުންވެސް ވިއްކަން ޖެހޭނީ ކޮންމެ ގޭސް ފުޅިއަކުން 25 ރުފިޔާ އަގު ހެޔޮކޮށްގެންނެވެ.
“މިސާލަކަށް 300 ރުފިޔާއަށް ފުޅި ވިއްކަމުން އައި ނަމަވެސް މި ބަދަލު ގެނައި މުއްދަތުގައި އެޖެންޓުން ވިއްކަން ޖެހޭނީ 25 ރުފިޔާ އަގު ހެޔޮކޮށްގެން. މާނައަކީ ކޮންމެ އަގެއްގައި މިހާރު ގޭސް ވިއްކަމުން އައި ނަމަވެސް 10 ކިލޯ ކައްކާ ގޭސް ފުޅިން 25 ރުފިޔާ އަގު ހެޔޮ ކުރަން ޖެހޭނެއޭ،” މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން، އަގަށް ބަދަލު ނުގެނެސް ވިއްކާ ނަމަ މޯލްޑިވް ގޭހުގެ 1616 ނަންބަރަށް ގުޅައިގެން އެކަން މޯލްޑިވް ގޭހަށް ރިޕޯޓު ކުރެވޭނެ ކަމަށާއި ހެޔޮ އަގުގައި ގޭސް ނުވިއްކޭ ނަމަ ބިލްތައް ފޮނުވުމުން ފުޅިއަކަށްވާ 25 ރުފިޔާ އެޖެންޓުންނަށް އިމްބާސް ކޮށްދޭނެ ކަމަށެވެ. ނަމަވެސް ފުޅި ވިއްކަން ޖެހޭނީ އެ 25 ރުފިޔާ އުނިކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.