ކިހާދޫ ދަނޑުތަކުން ރޯދަމަހު 10000 ކިލޯކަރާ ނެރޭނެ – ދަނޑުވެރިން

18493298_10156245247333009_1118124424_o.jpg

ކިހާދޫ ކަރާ ދަނޑެއްގެ މަސައްކަތުގައި ދަނޑުވެރިއަކު މިއަދު ހަރަކާތްތެރިވަނީ. ރޯދަމަހު 10000ކިލޯއަށްވުރެ ބޮޑު އަދަދެއްގެ ކަރާ މިއަހަރު ބާޒާރަށް ނެރޭނެކަމަށް ދަނޑުވެރިން ބުނޭ / އީވީ ފޮޓޯ: މުހައްމަދު ޒުބައިރު

(ބ.ކިހާދޫން މުހައްމަދު ޒުބޭރު )

ބ.ކިހާދޫ ދަނޑުބިންތަކުން އަންނަ ރަމަޟާންމަހު ދިހަހާސްކިލޯއަށްވުރެ ބޮޑު އަދަދެއްގެ ކަރާ ބާޒާރަށް ނެރެވޭނެކަމަށް އެރަށު ދަނޑުވެރިން ބުނެފިއެވެ.

ކިހާދޫގައި މިއަހަރު ރޯދައަށް ދަނޑުހެއްދުމުގެ މަސައްކަތްކުރާ އެއްފަރާތްތަކުގައިވާ ލުގުމާނު ބުނީ ރޯދައަށް އެރަށުގައި މިއަހަރު 12 ވަރަކަށް ދަނޑުގައި ކަރާ ހައްދާފައިވާ ކަމަށާ، މިހާރުވެސް ދަނޑުތަކުން ކަރާ ލިބެން އެބަހުރި ކަމަށެވެ. އޭނާ ބުނީ މިދިޔަ އަހަރަށްވުރެ މިއަހަރު ކަރާ ހެއްދި ނިސްބަތް ދަށްނަމަވެސް ދިހާހާސް ކިލޯއަށްވުރެ ބޮޑު އަދަދެއް މިއަހަރުވެސް ބާޒާރަށް ނެރޭނެކަމަށެވެ.. އޭނާބުނީ މިވަގުތު ކަރާގެ އަގުތައްވެސް ބޮޑުކަމަށާ، ރޯދައަށް އަގު ދަށްވުމަކީވެސް ވެދާނެކަމެއްކަމަށެވެ.

“މިދިޔަ އަހަރަށްވުރެ މިއަހަރު ދަނޑުތައް މަދު. ކަރާވެސް މަދުވާނެ. އެހެންނަމަވެސް ދަނޑަކުން ހަސަތޭކަ އަށްސަތޭކައަށްވުރެ ގިނަ ކިލޯ ބާޒާރަށް ނެރޭނެ. ލަފާކުރެވެނީ ދިހަހާސް ބާރަހާސްވަރު ކިލޯ ނެރެވޭނެކަމަށް. މިވަގުތު އަގު މިއުޅެނީ ތަންކޮޅެއް މަތީގައި. ފަހުން ދަށްވެސް ވެދާނެ. މަތިވެސް ވެދާނެ.” ދަނޑުހެއްދުމުގައި ކިހާދޫގައި މިހާރު އެންމެ މަޝްހޫރު އެއް ދަނޑުވެރިޔާ ލުގުމާނު ބުންޏެވެ.

ކިހާދޫ ދަނޑެއްގެ މަސައްކަތުގައި ދަނޑުވެރިންތަކެއް މިއަދު ހަރަކާތްތެރިވަނީ. ރޯދަމަހު 10000ކިލޯއަށްވުރެ ބޮޑު އަދަދެއްގެ ކަރާ މިއަހަރު ބާޒާރަށް ނެރޭނެކަމަށް ދަނޑުވެރިން ބުނޭ / އީވީ ފޮޓޯ: މުހައްމަދު ޒުބައިރު

މިއަހަރުގެ ރޯދައަށް ދަނޑު ހެއްދި ކިހާދޫގެ އެހެން ދަނޑުވެރިއަކު ނަންނުޖެހުމަށް އެދި ބުނީ ކަރާގެ އިތުރުން ކިއުކަންބާއާއި، ބަށި އަދި ގިތެޔޮމިރުސްވެސް ލިބޭނެ ކަމަށާ، ނަމަވެސް އަހަރަކަށްވުރެ އަހަރެއް މިމަސައްކަތް ކުރާމީހުން މަދުވަމުން އަންނާތީ، ދަނޑުވެރިކަން ދަށް ވަމުންދާކަމަށެވެ.

“ޒުވާން ކުދިން މިކަމަށް ޝައުގުވެރިކަމެއް ނުހުރޭ. އަހަރެމެންކަހަލަ ދެބައި އުމުރުން މަތީ ބަޔަކު މިކަމާ މިއުޅެނީ. އެހެންވީމަ މިކަމެއް ނުވާނެތާ. އެހެންނަމަވެސް ދެރައެއް ނުވާނެ މިރޯދަމަހުވެސް.”

ކިހާދޫ ކައުންސިލުން ބުނީ ކިހާދޫގެ ދަނޑުތަކުން ނެރޭ ތަކެތި ބ. އަތޮޅުގެ އެހެން ރަށްރަށާ، މާލެއަށްވެސް ސަޕްލައި ކުރާނެކަމަށާ، ބޮޑުބައި ސަޕްލައި ކުރާނީ އަތޮޅުގެ ރަށްރަށަށް ކަމަށް ބެލެވޭ ކަމަށެވެ.

ބ. އަތޮޅު ކިހާދޫގައި ރޯދައަށް ދަނޑުތައް ފައްކާވަމުން އަންނައިރު، ބ. އަތޮޅުގެ ދަނޑުވެރިކަމުގެ އެންމެބޮޑު މާކެޓް އޮތް ގޮއިދޫން، މިއަހަރު ސާދަ ހެކްޓަރުގެ ބިމުގައި ދަނޑުހެއްދުމުގެ މަސައްކަތް ކުރަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top