އަންނަ ރަމަޟާންމަހާ ދިމާކޮށް ބ. އަތޮޅުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި “ފަސްމުގޫ” ގްރޫޕުން ހިިންގާ ފަސްމުގޫ ފިހާރައިން ފިޔާ، އަލުވި އަދި ބިހުގެ އަގު ވައްޓާލައި، މާކެޓް ކޮންޓްރޯލް ހޯދައިފިއެވެ.
ސަރުކާރު ކުންފުނި އެސްޓީއޯއިންވެސް މިއަދު އޭދަފުށީގައި ފިޔާ، އަލުވި، ބިސް ވިއްކަން ފަށާފައިވީ ނަމަވެސް ފަސްމުގޫގެ އަގު އެސްޓީއޯގެ އަގަށްވުރެ ކޮންމެ ބަސްތާއަކުން އަދި ބިސްކޭހަކުން 5 ރުފިޔާ ވަނީ ހެޔޮ ކޮށްފައެވެ. ފަސްމުގޫއިން މިތަކެތި ވިއްކަން ފެށީ މިދިޔަ ހަފްތާތެރޭގައެވެ.
ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑައިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް މައުލޫމާތުދެމުން ބުނީ މިއީ ބަޔަކަށް ޖައްސާލުމުގެ ގޮތުން ކުރާ ކަމެއް ނޫންކަމަށާ، އަބަދުވެސް އަމާޒުކުރަނީ ރައްޔިތުމީހާއަށް އެންމެ ހެޔޮއަގެއްގައި މުދާ ވިއްކޭތޯކަމަށެވެ. އޭނާ ވިދާޅުވީ ފަސްމުގޫއިން އެހެން ވިޔަފާރިވެރިން ވިއްކާއަގު ބަލަން ނުޖެހޭ ކަމަށާ ، އެސްޓީއޯއަށްވުރެ ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮވުމަކީ އިއްތިފާގެއް ކަމަށެވެ.
“އަޅުގަނޑުމެންނަކީ ސީދާ ރާއްޖެއިން ބޭރުން އެތެރެކުރާބައެއް. މިދިޔަ ހަފްތާ އެއްޝިޕްމަންޓް ގެނެސްގެން މިވިއްކަނީ. ތަފާތު ވާނެ ކޮލިޓީވެސް. މާދަމާ އަނެއް ޝިޕްމަންޓް އަންނާނެ. އަނެއްކާ އަޅުގަނޑުމެން މިވިއްކަނީ ރީތި ފިޔާ ބަސްތާއާ، ސާފުކުރި ބިސްކޭސް. އެއްވެސް ޑެމޭޖެއް ނުހުންނާނެ. އެއީ ތަފާތަކީ. އަޅުގަނޑުމެން އަގުބަލަނީ މާކެޓަކުން ނޫން. ލިބޭ އަގުން ރައްޔިތުމީހާއަށް އެންމެ ހެޔޮކޮށް ވިއްކޭ އަގެއް ފަސްމުގޫ ބަލާނީ” އިސްމާއީލް ބުންޏެވެ.

ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑައިރެކްޓަރ އިސމާއީލް ޝަހީމް އީވީއަށް އިންޓަވިއުދެނީ. / ފޮޓޯ: އީވީ
އިސްމާއީލް ބުނީ ރޯދަމަސް ނިމެންދެން ފިޔާ، އަލުވި އަދި ބިސް މެދުނުކެނޑި ގެންނާނެކަމަށާ، އިތުރު ޝިޕްމަންޓްތަކަށް މިހާރު އޯޑަރުވެސް ދީފައިވާކަމަށެވެ. އޭނާ ބުނީ އަގުތައް މައްޗަށް ނުދާނެގޮތަކަށް މިރޯދަމަހު ފިޔާ، އަލުވި ބިސް އެތެރެކުރާނެ ކަމަށެވެ.
ފަސްމުގޫ ރޯދަސޭލް އަށްވެސް ކަސްޓަމަރުން ވަރަށްބޮޑު ތަރުހީބެއް ދެމުންދާކަމަށާ، ރޯދަސޭލް ނިންމުމަށް ވަރަށް ވަރުގަދަ ޝޯއެއް ބާއްވަން ވިސްނާފައިވާކަމަށްވެސް އިސްމާއީލް ބުންޏެވެ.
“ރޯދަސޭލް އަޅުގަނޑުމެންގެ ޓާގެޓަށް ހަމަ މަސައްކަތްކުރަމުން ދަނީ. މިއަހަރުވެސް މޯލްޑިވިއަން އައިޑަލްގެ ބައިވެރިން ކޮޅެއް ގެނެސް ބޮޑު ޝޯއެއް ބާއްވަން މިވިސްނަނީ” އިސްމާއީލް އިތުރު ކޮށްލިއެވެ.