ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީބިލް އެއްކޮށް ދައްކައިފި

large_169616135316DCmd.jpg

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓްރެޝަރީ ބޮންޑުގެ ގޮތުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި، މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނަގާފައިވާ މި ދަރަނީގެ އެންމެ ފަހު ޕޭމަންޓް މިހާރު ވަނީ ދައްކައި ނިންމާފައެވެ. އެސްބީއައި މެދުވެރިކޮށް މި ފައިސާ ނަގާފައިވަނީ ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން، 2019 ވަނަ އަހަރުގެ މާރިޗު 17، ޖޫން 26 އަދި އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ. މި ލޯނަކީ އަނބުރާ ދެއްކުމަށް ކަނޑައެޅުނު މުއްދަތު، 2020 އިން ފެށިގެން 2023 ގެ ނިޔަލަށް ކުރީ ސަރުކާރުން ތަކުރާރުކޮށް މުއްދަތު އިތުރުކޮށް ފަސްކުރަމުން އައި ދަރަންޏެކެވެ.

މި ދަރަނި ދައްކައި ޚަލާސްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލު ހާމަކުރައްވަމުން އެމްއެމްއޭއިން ވިދާޅުވީ، ދަރަނީގެ ފުރަތަމަ 50 މިލިއަން ޑޮލަރު 7 ޖަނަވަރީ 2024 ގައި ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 100 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށްފަހު، ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހުގެ ތެރޭގައި ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދީފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން އެހެން ބުނެފައި އެވަނީ އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އިއްޔެ ދެއްކުމާއެކު ރާއްޖޭގެ ރިޒާވަށް ބޮޑު ދަތިތަކެއް ކުރިމަތި ވެފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

މަރުކަޒީ ބޭންކުން ކަށަވަރުކޮށްދެއްވި ގޮތުގައި، މި ދަރަނީގެ އެންމެ ފަހު ބައިގެ ގޮތުގައި ހިމެނޭ 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 17 ވަނަ ދުވަހު ދައްކައި ނިންމުމާއެކު، 150 މިލިއަން ޑޮލަރުގެ މި ބޮޑު ދަރަނި ދައުލަތުން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާލާފައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

އެމްއެމްއޭއިން ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ދަރަނިތައް ގަވާއިދުން ދެއްކުމަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އޮތް އިތުބާރު އިތުރުވެގެންދާނެ ކަމެކެވެ. އަދި ދައުލަތުގެ ރިޒާވް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައިވެސް ދަރަނިތައް ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، މާލީ އިސްލާޙީ ފިޔަވަޅުތައް ސަރުކާރާއި މަރުކަޒީ ބޭންކު ގުޅިގެން މެދުކެނޑުމެއްނެތި އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން އެމްއެމްއޭއިން ވަނީ ދެއްވާފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top