ބައެއް ކައުންސިލްތަކުގެ އަމަލުތައް ހުންނަ ގޮތުން އެއީ ވަކި ސަރުކާރެއް ކަމަށް ހީވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ރާއްޖެއަކީ މިނިވަން، މުސްތަޤިއްލު، ޑިމޮކްރެޓިކް ޖުމްހޫރީ އަދި “ޔުނިޓަރީ” ދައުލަތެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮތަސް ކައުންސިލްތަކުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި ކޮންމެ އަތޮޅަކީ ވަކި ސަރުކާރެއްގެ ގޮތުގައި ދައުވާކުރާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތް ހެދުމަށް ހިމަނާފައިވާއިރު، އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ޕެޓިޝަނާއި ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނުގެ ބަހުސް ވަނީ އެޖެންޑާކޮށްފައެވެ.
ސަލީމް ވިދާޅުވީ، މިގޮތަށް ކަންކަން ދާނަމަ ކުރިއަށް އޮތް 10 އަހަރު ތެރޭގައި މައި ސަރުކާރަށް ބާރު ނުފޯރުވޭނެ ކަމަށް ބުނެ، ކޮންމެ އަތޮޅަކުން ވަކި ސަރުކާރެއްގެ ގޮތުގައި ދައުވާކުރަން ފަށާފާނެ ކަމަށެވެ.
އަދި އެއީ އެމްޑީޕީއަކުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށާއި، އެފަދަ ހާލަތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުގައި ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކީ ގަވާއިދާ ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެ.
މި އިސްލާހާ ދެކޮޅަށް އާންމުން ހުށަހެޅި ޕެޓިޝަނަށްފަހު، އިސްލާހު ފާސްކުރުމަށް ގޮވާލައި 10،000 އަށްވުރެ ގިނަ ސޮއިއާއެކު އިތުރު ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.




