ވެހިކަލްފީ، ރަށު ކައުންސިލްތަކަށް ލިބޭގޮތް ހަދަނީ

ކލކ.jpg

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް؛ - ފޮޓޯ: ރައީސް އޮފީސް

ރާއްޖެތެރޭގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީ ރަށު ކައުންސިލްތަކަށް ލިބޭގޮތް ހަމަޖެއްސުމަށް ބޭނުންވާ މައުލޫމާތުތައް، މިހާތަނަށް 107 ކައުންސިލަކުން އެއްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

ލ.ގަމުގައި މިއަދު ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ވެހިކަލްތަކުން ނެގޭ ފީ ކައުންސިލުތަކަށް ލިބިގެންދާނެ ގޮތެއް އަވަހަށް ހަމަޖެހިގެން ދިއުން މުހިންމު ކަމަށް ނިމިދިޔަ ފަނޯއްލަ ދަރުބާރުގައި ކައުންސިލަރުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

އަދި އެކަން ކުރުމަށް ބޭނުންވާ ވެހިކަލްތަކާ ގުޅޭ މައުލޫމާތު 107 ކައުންސިލްތަކުން އެއްކޮށް، ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކޮށްފައިވާކަމަށް އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުތަކުން އެލްޖީއޭއާމެދު ދެކޭގޮތް ބަދަލުވުން މުހިންމު ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދައުރަކީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުންކަށާއި، ފިޔަވަޅު އަޅައި އަދަބު ދިނުމަކީ އެލްޖީއޭއިން ބޭނުންވާ ކަމެއްނޫނެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް އަށް ކައުންސިލެއްގެ މޮނިޓަރިން ރިޕޯޓު ނިމި، މިމަސް ތެރޭ އިތުރު ދެ މޮނިޓަރިންއެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުން، ރަށު ކައުންސިލްތައް މޮނިޓަ ކުރާނެ މެނުއަލްއެއް ވެސް އެކުލަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެލްޖީއޭގެ މަގުސަދަކީ ކައުންސިލްތައް ކުށްވެރިކުރުން ނޫން ކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ އެލްޖީއޭ ވާންވާނީ ގޯހުން ކަމެއް ދާނަމަ އެކަން ރަނގަޅު ކުރަން އިރުޝާދުދޭ އެކުވެރިއަކަށް ކަމަށެވެ.

އަފްޝަން ވަނީ ފަނޯއްލަ ދަރުބާރުގައި މަޝްވަރާ ކުރި ކަންތައްތަކަށް އަލިއަޅުއްވާލާފަ އެވެ. އެގޮތުން ފިސްކަލް ފޯމިއުލާއަށް ގެންނަން ޖެހޭ ބަދަލުތަކާއި، އިހުތިސޯސްގައި ހިމެނޭ ރަށްތަކާއި، އިހުތިސޯސްގައި ރަށެއް ނުހިމެނޭ ރަށްރަށުގެ ވާހަކައާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދައުރުގެ ބައްޓަންކުރަންވީ ގޮތުގެ އިތުރަށް އެ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދިނުން މަދުކުރުން ފަދަ ކަންކަމާމެދު ތަފާތު ހިޔާލުތަކާއި، ތަފާތު ވިސްނުންތަކާއެކު މަޝްވަރާ ކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top