ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުސާރަ: ރައީސް

344957_3_727527898bd71231f63f01c83a0a878ea51fbb8f_large.jpeg

ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސްގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ “ވިއަވަތި” ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ފަހު، ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށެވެ. އެކަމަކު، މުސާރައާ ބެހޭ އިތުރު ތަފުސީލެއް ރައީސް ނުދެއްވަ އެވެ.

ރައީސް ވިދާޅުވީ ރަށްތަކުގެ ތައުލީމީ ނިޒާމަށް ގެނައި ބަދަލު، މި އަހަރުގެ ހައި އެޗީވާސް އެވޯޑު ހާސިލްކުރި ދަރިވަރުންގެ އަދަދުން ފެނިގެން ހިނގައްޖެ ކަމަށެވެ. މުޅި ދުނިޔެއާ ވާދަކޮށް، އެކަހެރި އަދި ކުދި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުން ސިއްސައިގެންދާ ވަރުގެ ނަތީޖާ ހޯދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މުސާރައަށް ގެންނަ ރަގަޅު ބަދަލުތަކުގެ ސަބަބުން ރަގަޅު ނަތީޖާއެއް ނެރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެން މުސާރައިގެ ހެޔޮ ބަދަލެއް ފެންނާނީ ސިއްހީ ދާއިރާގެ ތެރެއިން ކަމަށެވެ. އެ ނިޒާމަކީ ގޮންޖެހުންތަކާއިއެކު އަދިވެސް ފުރިހަމަކުރަން ޖެހިފައިވާ ނިޒާމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

“ސިއްހީ ނިޒާމް ފުރިހަމަކުރަން ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ. އެއާއެކުވެސް ރާއްޖޭގައި ސިއްހީ ހިދުމަތް ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާ ފުރިހަމަކަން ގެނައުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން،” ރައީސް ވިދާޅުވި އެވެ.

“ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖަ ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ،” ރައީސް ވިދާޅުވި އެވެ.

މިދިޔަ މެއި މަހުން ފެށިގެން އަމަލުކުރަން ފެށި މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. އަދި ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. ލިބެ އެވެ. އޭގެ އިތުރުން މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ.

ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް މުސާރައިގެ ގޮތުގައި މަހަކު 33،075ރ. ލިބެ އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top