ފަތިސް ނަމާދު ކުރުމަށް ގަޑިއަށް ހޭލައި އެ ނަމާދާއެކުގައި ދުވަސް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތް ކުރި ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ސްކޫލަކީ ވަރަށް ވެސް ފަޚުރުވެރިޔާ އަބްތާލަކަށް ނިސްބަތްވާ ސްކޫލެއް ކަމަށެވެ. މި ގައުމު މިނިވަންކުރުމަށް އަލިރަސްގެފާނު ކުރެއްވި ޖިހާދަށް ނިސްބަތްކޮށް ސްކޫލަށް ނަންދީފައިވަނީ މި ގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވިއެވެ.
”މި ސްކޫލް ނިސްބަތްވެގެންވާ އަލި ރަސްގެފާނުގެ ޖިހާދާއި އަލި ރަސްގެފާނު އެ ދުވަހު އެ ކަންތައް ކުރެއްވި ގޮތާއި މި ކަންކަމުން އިބްރަތް ހާސިލްކޮށް ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ހިތުގައި ބިންވަޅު ނަގައި ގައުމަށްޓަކައި ތިމަންނައަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަބަދުވެސް ވިސްނާ އެގޮތުގައި ހިތްވަރު، ކުރިއަށް ދިއުމަށް ހުރިހާ ކުދިން މަސައްކަތް ކުރަންވާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރިވަރުންނަކީ އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންކަން ތަރުތީބުކޮށްގެން ކޮންމެ ދުވަހެއް ވެސް ހޭދަކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ފަރުޟް ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އެމަނިކުފާނު ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.
ދަރިވަރުން ދުވަސް ފަށަނީ ފަތިސްނަމާދުން ކަން ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ދެކިގެން އެކަން ކަށަވަރުކުރުމަށް ވެސް ރައީސް ގޮވައިލެއްވިއެވެ.
ދީނުގައި ކަންކަން ބަޔާންކޮށްފައި އޮންނަނީ ވަރަށް މާތް މަގްސަދެއްގައި ކަމަށް ވިދާޅުވެ އެއީ ހަމައެކަނި ފޮތެއްގައި ލިޔެވިފައި އޮންނަންޖެހޭ ކަން ކަމެއް ނޫން ކަމަށާއި އަމަލީ ގޮތުން ކޮންމެ ދުވަހު އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ތައުލީމު ހޯދަނީ ސިކުނޑި ތަރައްގީ ކުރުމަށް ކަމަށާއި ގައުމެއް ތަރައްގީވުމުގައި އިމާރާތްތައް އެޅުމާ އެކުގައި ސިކުނޑި އާއި ވިސްނުން ތަރައްގީ ވާންޖެހޭނެ ކަން ފާހަގަ ކުރެއްވައި ތައުލީމީ ހަޔާތަކީ އެންމެ ބޭނުންތެރި ގޮތުގައި ދަރިވަރުންނާއި މައިންބަފައިންނާއި މުޖްތަމައަށްް އަދި ގައުމަށް ވާނެ ގޮތަށް ބޭނުން ހިފާ ހަޔާތަކަށް އަދި ދުވަސްކޮޅަކަށް ހަދަންވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.







