ރެއާއި ދުވާލު ނިދި ނަންގަވައިލައްވައިގެން ރައްޔިތުންގެ ހައްގުގައި ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރައީސަަކާއެކު އެއްބާރުލުންދީގެން މަސައްކަތްކުރާނެ ކައުންސިލަރުންނާއި އަންހެނުންނަށް ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އަދި މޭޔަރަކު އިންތިހާބުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މި މޭރުމުން ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުމުގައި އަންނަ ނަމަ، ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށާއި ނޫނީ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވި އެވެ.
“އިޖުތިމާއީ އެތައް ގޮންޖެހުންތަކެއް އޮތް ގައުމެއްގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިރު، އެ ސަރުކާރަކަށް އަޅުގަނޑުމެން އެއްބާރުލުންދޭނެ ބަޔަކު ނުހޮވައިފި ނަމަ، އޭގެ ގެއްލުން އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ކުރާނެ. އެއީ ހަމަ ޔަގީން ވެސް ކަމެއް،” ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ކައުންސިލަރުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ ފަރާތްތައް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހަމައަށް ގެންގޮސްދެވޭނެ ކައުންސިލަރުންތަކެއް ތިއްބެވުމަކީ ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ ކުރާނެ ކަމެއް ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެހެންކަމުން ގައުމަށް މަންފާ އާއި ލާބަކުރާނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި ވާދަވެރި ޕާޓީތަކުގެ އާއްމު މެންބަރުންވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެކަމަނާ އިލްތިމާސް ކުރެއްވި އެވެ.





