އަހަރުގެ ބޮޑު ޗުއްޓީއަށް ފަހު ، މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފިއެވެ.
ދިރާސީ އަހަރު ނިމުނީ މިދިޔަ ޑިސެންބަރު މަހު 25 ގައެވެ. އެއީ، ކުރިން ޗުއްޓީއަށް ގެނައި ބަދަލު، އަލުން ކުރިން އޮތް ގޮތަށް ބަދަލުކޮށް ދަރިވަރުންނަށް ޑިސެންބަރު މަހު ބޮޑު ޗުއްޓީ ލިބުނު ފުރަތަމަ ދިރާސީ އަހަރެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މި އަހަރު 80،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާނެއެވެ.
އެ ގޮތުން، މި އަހަރު 4،790 ދަރިވަރުން ވަނީ އަލަށް ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކެއްގައި ކިޔަވަން އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ގްރޭޑް އެކަކަށް ވަންނަން އެދުނު 3،042 ދަރިވަރުންނާއި މާލޭ ސްކޫލުތަކަށް ވަންނަން އެދުނު 1،748 ދަރިވަރުންނެވެ.
މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި މި އަހަރު މާލެއަށް އަތޮޅުތަކުން 1،530 ދަރިވަރުން ވަނީ ބަދަލުވެފައެވެ.
ދަރިވަރުން މިއަދު އެނބުރި ސްކޫލަށް ދިޔައިރު އެ ދަރިވަރުންނަށް ރޯދަމަހުގެ ފުރަތަމަ ހަފުތާއަށް ފަހު ސްކޫލުތައް ބަންދުވާނެއެވެ. އެ ގޮތުން، ރޯދަމަހު ކިޔަވައިދޭނީ އެންމެ ހަފުތާއެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ދިރާސީ އަހަރުގެ ކަލަންޑަރުގައިވެއެވެ.
ފުރަތަމަ ޓާމް ނިންމައި މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ދަރިވަރުންނަށް ޓާމް ޗުއްޓީ ލިބޭނެއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު ވެސް ދަރިވަރުންނަށް އަހަރު ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުގައެވެ.
ޑިސެންބަރު 18 ގައި މި އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17، 2027 ގައެވެ.





