ކީރިތި ރަސޫލާއަށް ބަދުބަހެއް ރައްދުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން – އެމްޕީ. އަލީ ހުސައިން

l_4748522-1.jpg

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

ޚިޔާލު ފާޅު ކުރުމުގެ ނަމުގައި ނުވަތަ އިލްމީ ދިރާސާ ކުރުމުގެ ނަމުގައި ވިޔަސް އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދު ބަހެއް ނުވަތަ މަލާމާތެއް ރައްދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަމާއި ގުޅިގެން ގިނަ ދިވެހިންނާއި ދީނީ އިލްމުވެރިން އިއްޔެއިން ފެށިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ހުސައިން މިކަމަށް އިޝާރާތްކުރައްވަމުން ވިދާޅުވީ، “ޚިޔާލު ފާޅުކުރުމުގެ ނަމުގައި ނުވަތަ ޢިލްމީ ދިރާސާ ކުރުމުގެ ނަމުގައިވިޔަސް އިސްލާމް ދީނަށް ނުވަތަ މި ދީނުގެ މާތް ރަސޫލާ މުޙަންމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބަދުބަހެއް ނުވަތަ މަލާމާތެއް ރައްދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.” ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން “ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި” ކަމަށާ އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
މިކަމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ އަދި ސަރުކާރުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުން ނުރުހުން ފާޅުކުރަމުން ދާއިރު، އެފަރާތްތަކުން ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު