ޒުވާނުންގެ ކްލަބަށް ދޫކޮށްފައިވާ ބިމެއްގައި އެހެން ބައެއްގެ ޖަގަހަ

DSCN5526.jpg

ޒުވާނުންގެ ކްލަބަށް އެދަފުށީ ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ބައެއްގައި އެހެން ބަޔަކު ހަދާފައިވާ ޖަގަހަ -އީވީ ފޮޓޯ

އޭދަފުށީ ޒުވާނުންގެ ކްލަބަށް އޭދަފުށީ ކައުންސިލުން ކުޑަކުދިންގެ ޕާކެއް ހެދުމަށް ދޫކޮށްފައިވާ ބިމެއްގައި އެ ކްލަބްގެ ހުއްދައެއްނެތި އެހެން ބަޔަކު ޖަގަހައެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިކަމަށް ޒުވާނުންގެ  ކްލަބުން ބުނެފިއެވެ.

އޭދަފުށީ އުތުރު ފަރާތުގައި “ދިގަލި” ގޭގެ ކުރިމަތީގައި އޮންނަ މި ބިމުގައި މިހާރުވަނީ ޕާކެއް ހެދުމުގެ ގޮތުން ވަށާފާރު ރާނައި އެތެރޭގެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް ނިންމާފައެވެ. ނަމަވެސް އެއީ ކުޑަކުދިންގެ ޕާކަކަށް ފުދޭވަރު ނޫންކަމާއި އެއީ ކުޑަކުދިންގެ ޕާކެކޭ ބުނެވޭނެ އެއްވެސް ސިފައެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އޭދަފުށީ ކަައުންސިލުން ކުޑަކުދިންގެ ޕާކެއް ހެދުމަށް ޒުވާނުންގެ ކްލަބަށް ބިމެއް ދީފައިވާތާ 2 އަހަރު ވެގެން ދާއިރު އެތަން ކުޑަކުދިންގެ ޕާކެއްގެ ގޮތުގައި ތަރައްގީ ވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ރަށު ކައުންސިލުން ވެސް ވަނީ ފާޅު ކުރައްވާފައެވެ. ރައްޔިތުންގެ ފަރާތުންވެސް މި ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވިއެވެ.

ރަށުގެ އެ ސަރަހައްދަކީ ރަށުން ބޭރުން އަންނަ މެހެމާނުންނަށް ވެސް މަޑުކޮށްލެވެން އޮތް ހަމައެކަނި ތަންކޮޅު ކަމަށް ވާތީ އެތަނުގައި ކުޑަކުދިންގެ ޕާކެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ބައެއް މީހުންދެކެއެވެ.

ޒުވާނުންގެ ކްލަބްގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ )މި މަސައްކަތް ނުނިމި ލަސްވާ ލަސްވުމަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޕާކް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމާއި މަސައްކަތުގެ ބޮޑު ބައި މިހާރު އެހުރީ ނިމިފައި ކަމުގައެވެ.

“ދެން އޮތީ ހަމައެކަނި ކުޑަކުދިންް ކުޅޭ ސާމާނުކޮޅެއް ގެނެސް އިންސްޓޯލް ކޮށްލުން. އޭރުން ޕާކް އެ ފުރިހަމަވީ. ”

ބައްޓޭ ވިދާޅުވީ ޕާކް ނިންމުމަށް ވަކި މުއްދަތެއް ކައުންސިލުން ދީފައިނުވާ ކަމަށާ މާލީ ތަނަވަސް ކަން ހުރި ވަރަކުން މަސައްކަތް ކުރަމުން އަންނަނީ ވީހާ އަވަހަކަށް ނިންމާލެވޭތޯ ކަމުގައެވެ.

އޭނާ ވިދާޅުވީ އެތަން ނުނިމި ހުރުމަކީ އެހެން ބަޔަކު އެތަނަށް ގަވާއިދާ އުސޫލު ތަކުގެ ބޭރުން ވަދެ އެތަން ހިސާރު ކުރެވޭނެ ގާނޫނީ ހުއްޖަތެއް ނޫންކަމުގައެވެ. ކޮންމެ ގޮތެއްވިޔަސް އެތަން ނުވަތަ އެތަނުން ބައެއް ވިޔަސް ޒުވާނުންގެ ކްލަބްގެ ހުއްދަނެތި ބޭނުން ނުކުރެވޭނެ ކަމުގައެވެ.

“މިއީ އޭދަފުށީ ކައުންސިލުން ޕާކެއް ހަދަން ދޫކޮށްފައިވާ ބިމެއް. ލިއުމުން އެބައޮތް ހުއްދަ ދީފައި .އެހެންވީމާ މިބިން އެހެން ފަރާތަކުން ބޭނުން ކުރެވޭނެ ހަމައެއް ނޯންނާނެ. ” އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާކަުގައި ހުރި ތަކެއްޗަށްވެސް ވަނީ ގެއްލުން ތަކެއް ދީފައި ކަމަށާ މިކަން މިހާރުވާނީ އޭދަފުށީ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ކަމުގައެވެ.

ބައްޓޭ ވިދާޅުވީ މިއީ އަމާންކަމާއި އެކުވެރި ރައްޔިތެއް ދިރިއުޅޭ އޭދަފުށިން ފެންނަން ބޭނުންވާ މަންޒަރެއް ނޫންކަމާއި އިންސާފު ހޯދުމަށް މަސައްކަތް ކުރާނޭ ކަމުގައެވެ.

“އިންސާފު ލިބެންދެން މި މަސައްކަތްުގައި ދެމިހުންނާނަން. ” ބައްޓޭ ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން އެމްޑީޕީގެ ހަރަކާތް ތަކުގައި އޭދަފުށީގައި އިސްކޮށް އުޅުއްވާ އަހްމަދު ނާސިރު ވިދާޅުވަނީ އެއީ އެމްޑީޕީ މީހުން ކޮށްގެން އުޅޭ ކަމެއްކަމަށް ސިފަ ނުކުރެވޭ ކަމުގައެވެ.

“އަޅުގަނޑަކަށް ސިފައެއް ނުކުރެވޭ އެއީ އެމްޑީޕޕީ ބަޔަކު ކޮށްގެން އުޅޭ ކަމަކަށް. އިޖްތިމާއީ ރޫހު ހުރި ކޮންމެވެސް ބަޔަކު ކޮށްގެން އުޅޭ ކަމެއްކަމަށް ދެކެނީ.” ނާސިރު ވިދާޅުވިއެވެ.

ނާސިރު އެހެން ވިދާޅުވި ނަމަވެސް އެތަން ތައްޔާރުކޮށް ނިމުނު އިރު އެތަނުގައި ހުރީ އެމްޑީޕީގެ ދިދަ ތަކެއް ވެސް ޖަހާފައެވެ. މިހާރު އެ ދިދަތައް ވަނީ އެތަނުން ނަގާފައެވެ.

އެމްޑީޕީގެ އިތުރު ބޭފުޅެއްގެ ބަހެއް ހޯދާލުމުގެ ގޮތުން އޭދަފުށީ ކައުންސިލްގެ އެމްޑީޕީ މެންބަރު  ނައުޝާދު އަހުމަދު އާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލު ވިދާޅުވީ ޒުވާނުންގެ ކްލަބުން މިކަން ހުށަހެޅުމާއެކު އެތަނުގައި އިސްވެ ހަރަކާތްތެރިވަމުން ދިޔަ އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކަށް އެކަން އެގޮތަށް ނުކުރުމަށް އަންގާފައި ވާނޭ ކަމުގައެވެ. އެކަމަކު ކައުންސިލުން އެންގުމުންވެސް އެކަން ނުހުއްޓުމުން މި މައްސަލަ ވާނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށާ އެކަން ކުރިއަށް ދާނެކަމަށް ފުލުހުން ވިދާޅުވި ކަމުގައެވެ.

ތޮލާލު ވިދާޅުވީ އެބިން އޭދަފުށި ޒުވާނުންގެ ކްލަބަށް ޕާކެއް ތަރައްގީ ކުރަން ދީފައިވާނީ ޒުވާނުންގެ ކްލަބުން އެތަނުގައި ކުޑަކުދިންގެ ޕާކެއް ހަދަން ބޭނުން ވެގެން ކައުންސިލަށް ހުށަހެޅުމުން ހައުސިންގ މިނިސްޓްރީ ގެ ހުއްދައާ އެކުގައެވެ.

“ހައުސިންގ މިނިސްޓްރީގައި ދެންނެވުމުން އެބިން އޭދަފުށީ ޒުވާނުންގެ ކްލަބަށް ދޫކުރުން އެންމެ ރަނގަޅު ކަމަށް ލިއުމަކުން މިކައުންސިލަށް ވަނީ އަންގާފައި. އެހެންވެ އަޅުގަނޑުމެން ޒުވާނުންގެ ކްލަބަށް އެބިން ދީފައިވާނީ އެތަނުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް. އެހެންވީމާ ޒުވާނުންގެ ކްލަބަށް ދޫކޮށްފައިވާ ބިމެއް އެހެން ބަޔަކު ބޭނުންކުރާނަމަ އެއީ ގަވާއިދާ އުސޫލު ތަކުގެ ބޭރުން ކުރެވޭ ނާތަހުޒީބު އަމަލެއް. “ތޮލާލު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެތަނުގައި ދެ އަހަރުވެގެން ދިޔައިރުވެސް ކުޑަކުދިންގެ ޕާކެއް ތަރައްގީ ކޮށް ނިމިފައި ނުވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވިއެވެ.

“އެއްފަހަރަށް ވުރެ ގިނަ ފަހަރު އެމަސައްކަތް ނިންމުމަށް ތާރީޚްތައް ވެސް ވާނީ ދީފައި.”ތޮލާލު ވިދާޅުވި އެވެ.

ކޮންމެ ބަޔަކު ކުރި ނަމަވެސް އިންސާފުން ބޭރުން ކުރާ މި ބާވަތުގެ ކަންކަމަކީ އެކަކަށްވެސް ބަލައިގަނެވޭނެ ކަމަކަށް ނުވާނެއެވެ. ރަށުގައި ޒަމާނުއްސުރެ އޮތް ސުލްހަވެރިކަމާ އަމާންކަމާ އެކުވެރިކަން ދެމެހެއްޓުމަކީ ކޮންމެެ ސަރުކާރެއް ވެރިކަމަށް އައިނަމަވެސް ބަދަލުވެގެން ނުވާނެ ރުކުނެކެވެ. އެކަން މި ރަށުގައި ޒަމާނުއްސުރެ ހިނގަމުން އަންނަނީ އެގޮތަށެވެ.

މީހަކަށް ނުވަތަ ބަޔަކަށް ރަށު ކައުންސިލުން ދޫކޮށްފައި އޮތް ބިމެއް ޖަގަހަ އެއްގެ ގޮތުގައި ބޭނުންކުރާ އިރު މާދަމާ ކޮންމެވެސް އެހެން މީހެއްގެ ބިމަށް ހަމަ މިގޮތަށް އަރައި ނުގަންނާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ އެހެންކަމަށް ވާނަމަ މި ގައުމުގައި އިންސާފު ގާއިމުކުރެވޭނެ ދުވަހަކީ ކޮބާ ހެއްޔެވެ؟

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު