ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ހާމަކޮށްފި އެވެ.
ގައުމީ ލައިބްރަރީގެ ސަރަހައްދީ ގޮފިތައް އެޅުމަށް އަމާޒުކޮށްގެން ހިންގާ ފުޅާ ސަރުކާރުގެ މަޝްރޫއެއްގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި އަމަލީ ގޮތުން ކުތުބުޚާނާ އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށައިފަ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު ޝުކުރުއްލާ ޝަކީލް ވިދާޅުވީ ލައިބްރަރީއަކީ ކުޑަކުދިންނަށް ކިޔެވުމަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ފަހިކޮށްދޭ ތަނެއް ކަމަށާއި، އޭގެ އިތުރުން އާންމުންނަށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާ ތަނެއް ކަމަށެވެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް ލައިބްރަރީއެއް ހުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ނޭޝަނަލް ލައިބްރަރީއަށް 81 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރިޕޯޓްތައް ޑިޖިޓަލް ޕްލެޓްފޯމަކަށް އެއްކޮށްލާ ރިޕޮޒިޓަރީއެއް ކަމަށްވާ ‘އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން’ ތައާރަފްކޮށްފައެވެ.






