ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރަން އެތަނުން އަންގައި މިދިޔަ އޭޕްރީލް މަހު ނެރުނު ސާކިއުލާއާ ހަވާލާދީ ނެރެނު ސާކިއުލާގައި ވަނީ ލަނޑުދަނޑި ހާސިލުކުރަން މުއްދަތެއް ކަނޑައަޅައިފަ އެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައިވެ އެވެ.
ޕީސީބީން މިމަހުގެ 12 ވަނަ ދުވަހު ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން މުއައްޒަފުން މަދުކޮށް ނިންމަން ޖެހޭނޭކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށްޓަކައި ހިއްސާކޮށްފައިވާ ފޯމް އަދާހަމަ ކުރުމަށްފަހު ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަން އެދިފައިވެއެވެ.
މީގެ އިތުރުން، ކޮންމެހެން ބޭނުންވާ ތަންތަނަށް ފިޔަވައި އަލަށް ވަޒީފާއަށް ނެގުން ހަނިކުރުމާއި، ޕްރޮމޯޝަންތައް މެދުކަނޑާލުމާއި، އިތުރުގަޑީގެ މަސައްކަތް މަދުކުރުމާއި، ކޮންމެހެން ބޭނުން ނުވާ ކަންކަމާއި ރަސްމީ ދަތުރުތަކަށް ކުރާ ހަރަދު ކުޑަކުރުން ފަދަ ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް ވެސް މި ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.
ޕީސީބީން ވަނީ ކުންފުނިތަކުގެ އެޗްއާރް ސިޔާސަތުތައް ހަރުދަނާކޮށް، ވަޒީފާ ދިނުމުގެ ސިޔާސަތުތައް އެކުލަވާލާފައި ވަނީ މެރިޓް ބޭސިސް ނުވަތަ ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން އެންމެ އެކަށީގެންވާ މީހުން ހޮވޭނެ ގޮތަށްކަން ކަށަވަރު ކުރުމަށާއި، ކުންފުނީގެ ވަޒީފާ ދިނުމުގައި އަމަލުކުރަނީ އެގޮތަށްކަން ކަށަވަރުކުރުމަށް ރެކްރޫޓުމެންޓާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ވެސް ކުންފުނިތަކަށް އަންގައިފަ އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އެޕްރީލް މަހުގެ 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު އެވެ.





