ލޯކަލް ކައުންސިލް އިންތިޚާބު، އެފްރީލް 3ގައި ބާއްވަން ތާވަލްކޮށްފި

received_200148444634938-485x300.jpeg

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޮވިޑް-19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ހެދި ފަސްކުރި، ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހު ބާއްވާގޮތަށް ތާވަލް ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީއިން ކުރިން ނިންމާފައިވަނީ މިދިޔަ އޭޕްރީލް ހަތަރު ވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ކައުންސިލް އިންތިޚާބާ ގުޅޭ ވަގުތީ ގާނޫނެއް ފާސްކޮށް އިންތިޚާބު ފަސްކުރީއެވެ.

އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެ އެވެ. އެއާއެކު މާޗް ހަވަނަ ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސް އިން ނިންމި އެވެ. ނަމަވެސް ފެބްރުއަރީ ތިންވަނަ ދުވަހާ ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން މާޗް 6 ގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު އޭޕްރިލް ތިންވަނަ ދުވަހަށް ތާވަލުކުރީ ރައްޔިތުންގެ މަޖިލީހާއެކު މަޝްވަރާކޮށް، މި ޕެންޑަމިކްގެ ތެރޭގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ނިންމުމާ ގުޅިގެން ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ޚާއްސަ ގާނޫނުގައި އޮތް އޮތުން ބަދަލުކޮށް ތާރީޚެއް ކަނޑައެޅުން އިލެކްޝަނަށް ބާރުދޭން ހުށަހަޅާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

“ކޮމިޝަނުގެ މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ނިންމުނީ އެންމެ ލަސްވެގެން ޖެނުއަރީ މަހުގެ ތެރޭގައި ގާނޫނު އިސްލާހުވެގެންނޭ އިންތިޚާބު ބޭއްވޭނީ 3 އެޕްރީލްގައި.” ޝަރީފް ވިދާޅުވި އެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top