ނާސްތާ ޕައިލޮޓް ޕްރޮގްރާމް، ބ.އަތޮޅު މަދަރުސާއަށް ބަދަލުކޮށްފި؟! .

50060802_10156419598933402_5538615530853761024_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް ،ކެއްކުމާބެހޭ ޕްރޮގްރާމެއްގައި

މިއަދު ފެށުނު ދިރާސީ އާއަހަރާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފެށުމަށް ހަމަޖެހުނު ނާސްތާ ޕްރޮގްރާމް ދިމާވީ މައްސަލައަކާހުރެ ދަރަވަންދޫގައި ހުންނަ ބ.އަތޮޅު މަދްރަސާއަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެއެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ނާސްތާ ދިނުމުގެ ޕައިލޮޓް ޕްރޮގްރާމް މިއަދު ބ. އަތޮޅުގައި ފެށުމަށް ކުރިން ހަމަޖެއްސާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އަދި މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށްފަހު އެއްފަރާތަކުން ބީލަންވެސް ހުށައެޅިއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް މިބުރުގައި ނުފެށުނީ ހުށައެޅި ބީލަމުގެ އަގުބޮޑުވުމުންކަމަށާ، އެކަން ހަމަޖެހޭތޯ މަޝްވަރާކޮށްެގެންވެސް ހައްލެއް ނުލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ކުރިޔަށްދާނެތޯ ނުވަތަ ނޫންތޯ ސާފުކޮށްލަން އެޑިއުކޭޝަންއަށް ގުޅުއްވުމަށް އެދޭކަމަށެވެ.

“އަޅުގަނޑުމެންނަށް ލިބުނު އަގުތައް މާބޮޑަށް ބޮޑުވީ. އެންމެ ފަރާތަކުން ހުށައެޅީވެސް މިކަން ކޮށްދޭން. ދެން އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ރޭޓަށް އަގު ކުޑަކުރަން އެމީހުން އެއްބަސް ނުވެގެން ނުފެށުނީ” އަހްމަދު އަލީ ވިދާޅުވިއެވެ.

ނަމަވެސް މިޕްރޮގްރާމް ދަރަވަންދޫއަށް ބަދަލުވިކަން ނުވަތަ ނޫންކަން އަހުމަދު އަލީ ވިދާޅެއްނުވިއެވެ.

ތައުލީމީ މަރުކަޒުގެ އޮފިޝަލަކު ނަން ހާމަނުކުރާގޮތަށް ވިދާޅުވީ ނާސްތާ ޕްރޮގްރާމް ތައުލީމީ މަރުކަޒުގެ ބަދަލުގައި މިސެމިސްޓާގައި ދަރަވަންދޫ އަތޮޅު މަދްރަސާއަށް ބަދަލުކުރިކަން މިހާރު އަންގާފައިވާކަމަށާ، އެކަމަށް އަތޮޅު މަދްރަސާ އިންވެސް ތައްޔާރުވާން ފަށާފައިވާކަމަށެވެ.

ނާސްތާ ޕްރޮގްރާމް އެހެން ރަށަކަށް ބަދަލު ކުރީ އެޑިއުކޭޝަނުން ކަނޑައަޅާ އަގާ އެއްބަސްނުވެގެން ކަމަށް ވާއިރު އެހެން ފަރާތަކުން ކޯޓޭޝަނެއް ހޯދުމާއި އަލުން ބިޑަށް ލުމަކީވެސް ކުރެވިދާނެ ކަމަކަށް ވާއިރު މިއިން އެއްވެސް މަގެއް ޚިޔާރު ނުކޮށް ހަމައެކަނި އެންމެ ފަރާތަކާ ވާހަކަ ދައްކައިގެން ، ކަން ނިންމަން އުޅުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫނެވެ.

ސަރުކާރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ޕްރޮގްރާމްގައި މާލޭއިން ކަނޑައަޅާފައިވަނީ މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ އިތުރުން އިސްކަންދަރު ސްކޫލެވެ. ދެން ކޮންމެ އަތޮޅަކުން ސްކޫލެކެވެ. އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ އިއުލާނު ކުރި ހުރިހާ ސްކޫލެއްގައި މިއަދު އެކަން ނުފެށުނަސް، ޕައިލެޓް ޕްރޮގްރާމްގައި ހިމެނޭ ގޮތަށް 25 ސްކޫލެއްގައި ނާސްތާ ދިނުން ކުރިއަށް ދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ނާސްތާ ދޭން ފެށުމަކީ އަލަށް ކުރާ ކަމަކަށް ވާތީ ގޮންޖެހުންތަކާ ދިމާވާނެ ކަމަށެވެ. ނަމަވެސް ތަޖުރިބާގެ އަލީގައި އެކަންކަން ހައްލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު