މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު ހަދިޔާގެ ގޮތުގައި “އަންހެނުންނަށް ހާއްސަ ތަކެތި ނުދޭން” ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވައި ފެބްރުއަރީ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސާކިއުލާއެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަމަށް ސަމާލުވާން ވަނީ އަންގާފައެވެ.
އޭގެތެރޭގައި މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ފިނިފެންމާ ދިނުމާއި ޗޮކްލެޓް ދިނުމާއި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުން ވަނީ މަނާކޮށްފައެވެ.
ސާކިއުލާގައި ބުނެފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ “ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ” ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން އެ ތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް (މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދެއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ރަށްރަށުގެ އަންހެނުންގެ ކޮމިޓީ ތަކުން ދަނީ މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.