ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ޖަވާބު ދެއްވުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައީސް ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް މާދަމާގެ ޖަލްސާގައި އިދިކޮޅުން ޖަވާބު ދިނުމަށް އެޖެންޑާކޮށްފައި ވާއިރު، މާދަމާގެ ފުރަތަމަ މަސައްކަތަކަށް ވެސް އޮތީ މިމަސައްކަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންވާނެކަމަށެވެ.
މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. ސަލީމަށް އެފުރުޞަތު ލިބިވަޑައިގަންނަވަނީ އެމްޑީޕީ ފިޔަވާ އެންމެ ގިނަ މެންބަރުން ތިއްބަވަނީ ޕީޕީއެމްގައި ކަމަށްވާތީއެވެ. މަޖިލީހުގައި ޕީޕިއެމްގެ 6 މެންބަރުން ތިއްބަވައެވެ.