އަންހެނުންގެ ދުވަހު ކިހާދޫ އީކޯސެންޓްރޯ ހިންގީ އަންހެނުން

DSCF4724-low-850x548.jpg

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކިހާދޫ އީކޯ ސެންޓްރޯ މިއަދު ހިންގީ އެ ރަށު އަންހެނުން ކަމަށް މައުލުމާތު ލިބިއްޖެ އެވެ.

އީކޯ ސެންޓްރޯގެ މެނޭޖްމަންޓާއި، އޮޕަރޭޝަންސްގެ ހުރިހާ މަސައްކަތެއްވެސް މިއަދު ކުރިއަށް ގެންދިޔައީ ކިހާދޫ އަންހެނުންނެވެ. މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި އިވެންޓްގައި ބައިވެރިވުމަށް ދަރަވަންދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލް މެންބަރުން ވެސް ކިހާދޫއަށް ޒިޔާރަތް ކުރި އެވެ.

ކިހާދޫގެ 26 ޒީރޯ ވޭސްޓް ޗެމްޕިއަނުން އިންތިޒާމުކޮށްގެން ހިންގި މި ހަރަކާތުގެ މަގުސަދަކީ ހައުސް ހޯލްޑް ވޭސްޓް ސެގްރެގޭޝަން ނުވަތަ ގޭބީސީ ތަކުގައި ކުނި ވަކިކުރާނެ ގޮތާއި، ހަރުދަނާ ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ޕްރޮފެޝަނަލް ވޭސްޓް މެނޭޖްމަންޓްގެ ކެރިއަރއަކަށް ޝައުގުވެރިވާ އަންހެނުންނަށް މިމަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިހަރަކާތް ރޭވި 26 ޒީރޯ ވޭސްޓް ޗެމްޕިއަނުންނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކިހާދޫގައި ތަފާތު އިވެންޓްތައް ރާވައި ކުރިއަށް ގެންދާ ވޮލިއުންޓަރީ ގްރޫޕެކެވެ.

ކިހާދޫ ގައި ހުންނަ އީކޯ ސެންޓްރޯ އަކީ ސޮނޭވާ ނަމޫނާގެ އެއްބާރުލުމާ އެކު ހަދާފައިވާ ތަނެކެވެ. އެއީ ކުނި ޕްރޮސެސް ކުރުމަށް ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވި، ކުނި މެނޭޖްކުރުމަށް ބޭނުންވާނެ މެޝިނަރީއާ އެއްކޮށް ތައްޔާރުކުރެވިފައިވާ ކުނި މެނޭޖްކުރާ ސެންޓަރެކެވެ. މިގޮތުން ކުނި ކޮމްޕެކްޓް ކުރާ މެޝިނާއި މޯބައިލް ގްލާސް ކްރަޝަރސްގެ އެހީގައި ކުނިން ނަގައި ޖާގަ ދިހަ ގުނައަށް ކުޑަކޮށްދީ ކުނި މެނޭޖްކުރުމުގައި އެހީތެރިވެދެއެވެ.

ސޮނެވާ ނަމޫނާއަކީ ރަށު ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމަށް އަހައްމިއްޔަތުކަން ދީގެން، ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ އައު ވިސްނުމެއް ކުރިއެރުވުމަށް ޓަކައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top