ބ.އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު 5 ރަށުގެ ތެރޭގައި ހިމެނޭ މާއްޑޫ ދަނޑުވެރިކަން ކުރުމަށް ދޫކުރަން ނިންމާފައިވަނީ އިކޮނޮމިކް ކައުންސިލުގައި އެކަމަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް މިއަދުގެ ޖަލްސާގައި ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫކޮށްލަން ސަރުކާރުން ނިންމި ސަބަބު ސާފު ކޮށްދެއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ކުރެއްވި ސުވާލަށް މިނިސްޓަރު ޒަހާ ދެއްވި ޖަވާބާއި ގުޅިގެންނެވެ.
“ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެނަށް އެނގިގެން މިދިޔައީ ގައުމުގައި ފުދުންތެރިކަން ހުންނަން ޖެހޭ ކަން. ކާނާގެ ޔަގީންކަން އަޅުގަނޑުމެނަށް ލިބެން ޖޭހެ ކަން. އެހެންވީމަ މިފަދަ ރަށެއް މިފަދަ ކަމެއް ކުރަން ދިނުމަކީ އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ބަޔަކު ސުވާލު އުފައްދަވަން ވާނެ ކަމެއް ހެނެއް،” ހިސާން ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ބ.އަތޮޅުގެ ހުސްކޮށް އޮތް ފަސް ރަށުގެ ތެރެއިން އެންމެ ބޮޑު އެއް ރަށް ދަނޑުވެރިކަމަށް ދޫކޮށްލަން ނިންމާފައިވަނީ އިކޮނަމިކް ކައުންސިލްގައި ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަން މިނިސްޓަރު ޒަހާ ފާހަގަ ކުރައްވައި ވިދާޅުވީ އެކަމުގެ ރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އޭދަފުއްޓާއި ޖެހިގެން ދެކުނު ފަރާތުގައި އޮންނަ މާއްޑޫ އަކީ 26.6 ހެކްޓަރުގެ ރަށެކެވެ. މިރަށް އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން 2013ވަނަ އަހަރު ކެބިނެޓުން ފާސްކޮށް އެއަހަރުގެ ޖުލައިމަހު އޭދަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއްގެ ގޮތުގައި ހަމަޖެއްސެވި އެވެ. އެހެންނަމަވެސް ވާއެއްނުވާއެއް ނޭނގި އެރަށް ވަރުވާއަށް ދޫކުރެއްވީއެވެ.
އެންމެ ފަހުން މިއަހަރުގެ ކުރީކޮޅު އަނެއްކާވެސް އެރަށް ބެލެހެއްޓުން ވަނީ ވަގުތީ ގޮތުން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
އޭދަފުށީ ރައްޔިތުން އެރަށުގެ ބޭނުނމިހާރު ކުރަމުން ގެންދަނީ ދަތުރު ދިއުމަށާއި ދަރުކާށި ހޮވުމުގެ ގޮތުންނެވެ.