ބ.ތުޅާދޫގައި 50 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލައިފި އެވެ.
ތުޅާދޫގައި އަަޅާ މި 50 ހައުސިން ޔުނިޓް ހިމެނޭ ގޮތަށް 13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ތަރައްޤީކޮށް ދޭނެ ބަޔަކު ހޯދަން ވެސް ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ.
މިއީ އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްގީކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ނެޝަނަލް އެފޯޑަބަލް ހޯމް އޯނަޝިޕް ޕްރޮގްރާމް” ގެ ބައެކެވެ.
ހައުސިން ޔުނިޓްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 13 ރަށަކީ:
ހއ. ހޯރަފުށި – 100 ހައުސިން ޔުނިޓް
ރ. އުނގޫފާރު – 100 ހައުސިން ޔުނިޓް
ބ. ތުޅާދޫ – 50 ހައުސިން ޔުނިޓް
ޅ. ނައިފަރު – 300 ހައުސިން ޔުނިޓް
މ. މުލި – 100 ހައުސިން ޔުނިޓް
ދ. މީދޫ – 100 ހައުސިން ޔުނިޓް
ލ. ގަން – 200 ހައުސިން ޔުނިޓް
ތިނަދޫ ސިޓީ – 300 ހައުސިން ޔުނިޓް
ފުވައްމުލައް ސިޓީ – 300 ހައުސިން ޔުނިޓް
އައްޑޫ ސިޓީ ހިތަދޫ – 300 ހައުސިން ޔުނިޓް
އައްޑޫ ސިޓީ ފޭދޫ – 200 ހައުސިން ޔުނިޓް
އައްޑޫ ސިޓީ މަރަދޫ ފޭދޫ – 25 ހައުސިން ޔުނިޓް
އައްޑޫ ސިޓީ މަރަދޫ – 25 ހައުސިން ޔުނިޓް
މި މަޝްރޫއު ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން މެތަޑަށެވެ. މި މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް ނަގާނީ ޑިވެލޮޕަރުންނެވެ.
މި މަޝްރޫއުތަކަށް ސަރުކާރުން ހިލޭ ބިން ހަމަޖައްސައިދޭ އިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލު ކުރަން ޖެހެ އެވެ. މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
މިނިސްޓްރީން ބުނީ ޑިވެލޮޕަރުންނަށް އެއް މަޝްރޫއަށް ވުރެ ގިނަ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އެވެ.





