އަތޮޅު ފެރީގެ ނިޒާމު ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެއްޖެކަމަށް ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކައިފި އެވެ.
އެގޮތުން އެންމެ ގިނަ ބަޔަކު އަތޮޅު ފެރީގެ ނިޒާމު ބޭނުންކޮށްފައި ވަނީ، ޒޯން ދޭއްގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ މުވައްސަސާއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ ޖުލައި މަހު 8،293 ފަސިންޖަރުން ވަނީ އެ ޒޯނުގެ ދަތުރުފަތުރުގެ ނިޒާމުގެ ބޭނުން ކޮށްފަ އެވެ.
ދަތުރުފަތުރުގެ ހިދުމަތްދޭ އެމްޓީސީސީ އާއި ހަވާލާދީ އެކުލަވާލާފައިވާ މި ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ދަތުރު ކުރީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯން އެކެއްގަ އެވެ. އެ ސަރަހައްދުން 5،951 ފަސިންޖަރުން ވަނީ ފެރީ ދަތުރުކޮށްފަ އެވެ.
ޒޯން ފަހެއްގައި ހިމެނޭ ތ އަދި ލ އަތޮޅުގައި 3،738 ފަސިންޖަރުން ފެރީ ދަތުރުކުރި އރު، މ އަދި ދ އަތޮޅު ހިމެނޭ ޒޯން ހަތަރެއްގައި 2،977 ފަސިންޖަރުން ޖުލައި މަހުގެ ތެރޭ ވަނީ ދަތުުރު ކޮށްފަ އެވެ. މީގެ އިތުރުން ޒޯން ތިނެއްގައި ހިމެނޭ އއ، އދ، ވ އަތޮޅުގެ 2،547 ފަސިންޖަރުން އިންޓަ އެޓޯލް އަދި އިންޓްރާ އެޓޯލް ފެރީގެ ހިދުމަތް ބޭނުންކުރި އިރު ޒޯން ހަޔެއްގަިއ ހިމެނީ ހުވަދު އަތޮޅުގެ ރައްޔިތުންގެ ތެރެއިން 2،503 މީހުން ވަނީ ފެރީ ހިދުމަތް ބޭނުން ކޮށްފައެެވެ.
ކޮވިޑް19 އާއެކު މާލެ އަށް އައިސް ރަށަށް ގޮސްވުމުގައި ދަތިތައް ހުރުމާއެކު އަތޮޅުތެރޭގައި ސިއްހީ ކަންކަމަށާއި އެނޫންވެސް ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.