ބ.އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވަނީ ޑިޒައިން ނުނިމިގެން : މިނިސްޓްރީ

269212_3_2e3e8651e58492ed7906f469bd946f2f90eb8728_large-800x516-800x516-1.jpg

އޭދަފުށީގައި ސަރުކާރުން އިމާރާތްކުރާނެކަމަށް ފުރަތަމަ އިއުލާނު ކުރި އާ ހޮސްޕިޓަލް ހުންނާނެ ގޮތުގެ ކުރެހުމެއް. ހަރަދު ބޮޑުކަމަށް ބުނެ މިހާރުވަނީ އަލުން ކުރެހުމުގެ މަގުމަތގައި. މި ހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައިވަނީ ހިއްކި ބިމުގައި.

އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ބ.އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވެގެން ދަނީ ހޮސްޕިޓަލް ޑިޒަިއިން ކުރަން ހަވާލު ކޮށްފައިވާ “ރިޔަން ޕްރައިވެޓް ލިމިޓެޑް” އިން އެމަސައްކަތް ނުނިންމާތީ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރިޔަން ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ .

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލް ހިމެނޭ ގޮތަށް މިދިޔަ އޮގަސްޓު މަހު، ދެ ހޮސްޕިޓަލަކާއި އަށް ސިއްހީ މަރުކަޒެއްގެ ޑިޒައިން ކުރުމަށް ސަރުކާރުން ރިޔަން ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސާޅިސް  ދުވަހުން ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތް އަށް މަސް ވެގެން ދިޔައިރުވެސް ނުނިމި ލަސްވުމުގެ ސަބަބުން މިނިސްޓްރީން ވަރަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

ސަރުކާރަށް ލިބުނު ގެއްލުމާއި އެކުވެސް ފަހުންވެސް އެ ކުންފުންޏާއި އެމަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމީ އަލުން އިއުލާން ކޮށްގެން ކުރިއަށްގެންދާކަމަށް ވަންޏާ ޕްރޮސެސް ކުރުން ދިގުލައިގެން ހިނގައިދާނެތީ ކަމަށް އާދިލް ވިދާޅުވިއެވެ. އަދި މި މަސައްކަތް ހަވާލުކުރުމުގެ މުއްދަތު ހަމަވުމުން ކުރީކޮޅުވެސް މަސައްކަތް އަވަހަށް ނިންމަން އަންގާފައިވާނެ ކަމަށާއި މިހާރު އެންމެ ފަހުގެ ނޯޓިސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭދަފުށީ ހޮސްޕިޓަލުގެ ޑިޒައިނަކީ އެޑިޒައިންގެ މައްޗަށް އެހެން އެތައް ހޮސްޕިޓަލެއް އިމާރާތް ކުރެވޭނެ ޑިޒައިނެއް ކަމަށް ވާތީ ރިޔަން އިން މިހާރު ހުށަހަޅާފައިވާ ކުރެހުން ތަކުގައިވެސް މިނިސްޓްރީން ދީފައިވާ ގައިޑްލައިންއާ ހިލާފަށް ވަރަށް ގިނަ ކަންކަން ހުރުމުން އެކަންކަން ރަނގަޅު ކުރަން އަންގާފައިވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

މިހޮސްޕިޓަލްތަކުގެ މަސައްކަތް ތަކަކީ ފައިސާ ވެސް ލިބިފައިވާ މަސައްކަތްތަކެއް ކަމަށާއި، މިހާ ބޮޑު ލަސްވުމެއް ޑިޒައިނިން މަސައްކަތްތަކަށް އައުމުން އެއީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އަދި ހއ.ދިއްދޫ ގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތަކެއް ފުރަތަމަ އާއްމުކުރީ ފެބްރުއަރީ 27، 2020 ގައި ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވިިރު ދުވަސްވަރު ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

ނަމަވެސް އިމާރާތުގެ ކުރެހުންތައް އާއްމުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން މި މަހު 13ގައި އާދިލް ވިދާޅުވީ އެ ތިން ހޮސްޕިޓަލްގެ ޑިޒައިންތައް ވަރަށް ރީތި ނަމަވެސް އެ ތަންތަން ހުރީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑުވާ ގޮތަށް ކަމަށެވެ. އެހެންވެ، ކުރެހުންތައް ރިވިއުކުރަން ނިންމައިި އަލުން ޑިޒައިން ކުރަން ހަވާލު ކޮށްފައިވާ ކަމަށާއި އަންނަ މަހުގެ 20 ގައި ޑިޒައިންތައް ލިބޭނެ ކަމަށެވެ. އަދި އެއަށްފަހު، ޓެންޑާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top