ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި މުޒާހަރާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.
އިދިކޮޅުން އިންތިޒާމް ކުރާ ހަރަކާތާއި ގުޅިގެން އިދިކޮޅުގެ އިސް ވެރިން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މުޒާހަރާ ކުރިއަށް ނުގެންދަން ފުލުހުން އެންގި ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އަންގައިފައިވާނެ ކަމަށެވެ.
“އަޅުގަނޑުމެން ހަރަކާތެއް ރާވާ ހިންގައިފިއްޔާ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަރަށް އެބަ އުނދަގޫވޭ. އަދި އެފަދަ ހަރަކާތްތައް ހުއްޓުވަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އޯޑަރު ދީފައި މި އޮންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް،” ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެމްޑީޕީއަށް ސިޔާސީ ހަރަކާތް ހިންގިފައި އިދިކޮޅަށް ފުރުސަތު ނެތުމުން އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށައެޅި ކަމަށެވެ. އެކަމަކު ސަރުކާރުން ކެމްޕޭން ހަރަކާތްތައް ހިންގާއިރު ނުހުއްޓުވާނަމަ އިދިކޮޅު ހަރަކާތްތައް ވެސް ކުރިއަށް ދާނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ
އަދި އިދިކޮޅުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ތިލަ ކުރަމުންދާތީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
“ރައްޔިތުން ކަނު ބަދެފައި މޫނު ބަދެފައި ގެއަށް ވައްދާފައި މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ގެންނާތީ އާއި މި ގައުމު ވިއްކާލާ ގައުމުގެ މިނިވަންކަން ނަގާލަން މި ކުރާ މަސައްކަތް ރައްޔިތުންނާއި ހަމައަށް ތިލަ ކުރާތީ އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ބޭނުންވަނީ،” ޝިޔާމް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ހޮނިހިރު ދުވަހު 185 ރަށުގައި މުޒާހަރާ އޮންނާނެ ކަމަށެވެ. އަދި މުޒާހަރާތަކުގައި ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި އެޗްޕިއޭގެ ގައިޑްލައިންތަކަށް ތަބާވުމަށް ނިމާލް އެދިވަޑައިގެންނެވިއެވެ.
އިިދިކޮޅު ކޯލިޝަނުން ބުނީ މާލެ ސަރަހައްދުގައިވެސް ހޮނިހިރު ދުވަހު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާ މާލޭގައި ކުރިއަށްދާ ހަރަކާތްތައް އޮންނާނީ ކަނޑުމަތީ ކަމަށެވެ.