ޒަމްޒަމް ސަސްޕެންޑްކުރީ އޮޅުމަކުން ކަމަށް ބުނެފި

400-1.jpg

އަރަބިއްޔާ ސްކޫލުގެ ހަދީސް ޓީޗަރެއްގެ މަގާމުގައި ހުންނެވި ޝައިޚް ޒަމްޒަމް ފާރިޝް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރެވުނީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޒަމްޒަމް ވިދާޅުވީ ސަސްޕެންޑުކުރި ކަމުގެ ލިޔުން އިއްޔެ އޭނާއަށް އަލުން ލިބިފައިވާ ކަމަށާއި، އެ ލިޔުމުގައިވާގޮތުން ސަސްޕެންޝަނުގައި މުސާރަ ލިބޭނެކަމަށެވެ. އަދި، ކުރިން ފޮނުވި ލިޔުމުގައި މުސާރަ ނުލިބޭނެކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމަށް މިނިސްޓްރީން އެ ލިޔުމާއެކު ފޮނުވި މެސެޖުގައި ބުނެފައިވާކަމަށް ޒަމްޒަމް ވިދާޅުވިއެވެ.

އަދި މިހާރު އޮތީ މުސާރަ ހިނގާ ގޮތަށް 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ގޮތަށް ކަމަށާއި މިނިސްޓްރީގެ އީމެއިލްގައި ބުނެފައިވަނީ މުސާރަ ނުލިބޭނެހެން ސަސްޕެންޓް ކުރި ކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމުގައި ކަމަށެވެ.

“ވީމާ، އަޅުގަނޑު މި މިނިންމީ އެ 30 ދުވަހުގެ މުސާރައިގެ 3 ބައިކުޅަ 2 ބައި އަޅުގަނޑު ނިސްބަތްވާ ދެ ރަށަށް (ތ. ކިނބިދޫ އާއި ބ. އޭދަފުށި) ޞަދަޤާތް ކުރަން މާތް ﷲ އެކަން ޤަބޫލު ކުރައްވާށި. އަދި މިކަމުން މިންޖު ކުރައްވާށި.” ޒަމްޒަމް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޒަމްޒަމް ސަސްޕެންޑުކުރީ “އިންޑިއާ އައުޓް” ހަރަކާތާ ގުޅިގެން ރައީސް އެ ދުވަހު ނެރުއްވި ގަރާރަށް ފާޑުކިޔައި، ޓްވީޓުކުރުމުންނެވެ. ޒަމްޒަމް ކުރެއްވި ޓްވީޓްގައި ބުނަނީ ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ގާނޫނާ ހިލާފަށް ރާއްޖެ އަރައިތިބި އިންޑިއާ ސިފައިން މިގައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށެވެ.

އެކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ސޮއި ކުރައްވައި އެދުވަހު ޒަމްޒަމަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ، ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރައްވާފައިވާތީ  އެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ޚިލާފުކަމެއް ކަމަށެވެ.

ޒަމްޒަމްގެ އަމަލަކީ އެކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލަކަށްވާތީ އެކަން ބަލާ ތަހުގީގު ކޮށް ނިމެންދެން ޝައިހް ޒަމްޒަމް ފާރިސް ސަސްޕެންޑް ކުރާ ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top