ދުނިޔޭގެ ޝެފުންގެ ދުވަހުގެ މުނާސަބަތުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގެ ފަރާތުން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކަލިނަރީ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
މިމަހުގެ 28 ވަނަ ދުވަހު އޭދަފުށީގައި ބާއްވަން ނިންމާފައިވާ މި މުބާރާތުގައި ޖުމްލަ 40 ޓީމު ބައިވެރި ކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ޓީމެއްގައި 18 އަހަރުން މަތީގެ މަދުވެގެން 3 މެމްބަރުން ތިބެން ޖެހެއެވެ.
މި މުބާރާތާ ބެހޭ މައުލޫމާތު ދެމުން ބުނި ސީޖީއެމުން ގޮތުގައި ކަލިނަރީ ޗެލެންޖުގައި ބައިވެރިވާ ޓީމުތައް މުބާރާތަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދިނުމަށް މުބާރާތް ފެށުމުގެ ކުރިން ހާއްސަ ކުލާހެއް ބޭއްވުމުގެ އިތުރުން މި ކްލާސް މެދުވެރިކޮށް ބައިވެރިންނަށް އެކި ކަހަލަ ކެއުންތައް ތައްޔާރު ކުރާނެ ގޮތާއި މުބާރާތްތަކުގައި ކައްކާއިރު ގެންގުޅޭނެ އުކުޅުތައް ކިޔައިދޭނެ އެވެ.
މިމުބާރާތާބެހޭ މައުލޫމާތު އީވީއާ ހިއްސާކުރައްވަމުން ސީޖީއެމްގެ ރައީސާ މަރިޔަމް ނޫރުއްދީން ވިދާޅުވީ މި އިވެންޓްގެ އެންމެ ބޮޑު ބޭނުމަކީ އެކި އަތޮޅުތަކުގައި ކައްކައިއުޅޭ ތަފާތު ބާވަތްތަކުގެ ތަފާތު ރަހަތައް ތައާރަފްކުރުމާއެކު ގިނަބަޔަކަށް މިކަން ހިއްސާކުރުން ކަމުގައެވެ.
ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރުކަމުގައިވާ “ހެލްދީ ހީރޯ ” ގެ ދަށުން އޭދަފުށީގައި ބާއްވާ ބޮޑު ހަރަކާތަކީ މިމަހުގެ 27 ވަނަ ދުވަހު ހަވީރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ން 5 އާ ދެމެދު ކުދިންގެ މެދުގައި ބާއްވާ ހަރަކާތެވެ.
ދުނިޔޭގެ ޝެފުންގެ ދުވަސް ސީޖީއެމްއިން އޭދަފުށީގައި ފާހަގަކުރާއިރު މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަ ލިބޭ ފަރާތްތަކަށް ތައްޓާއި މެޑަލް ދިނުމަށް ހަމަޖެހިފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އޭދަފުށީ ކައުންސިލުން ލިބެން ހުންނާނެ އެވެ.
ދުނިޔޭގެ ޝެފުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ 20ވަނަ ދުވަހެވެ.