އޭދަފުށީ 100 ހައުސިންގް ޔުނިޓް އިޢްލާން ކުރުން ލަސްވަނީ ބިމުގެ ޕްލޭން ފައިނަލް ނުވާތީ – ކައުންސިލް

14906874_1052637541521927_5585907123745877297_n.jpg

އޭދަފުށީ ލޭންޑްޔޫސް ޕްލޭންގެ ޑްރާފްޓް ފޮޓޯއެއް. އޭދަފުށީގައި ހައުސިންގް ޔުނިޓް އެޅުން އިޢްލާން ނުކުރެވިވަނީ ލޭންޑްޔޫސް ޕްލޭން ފައިނަލް ނުކުރެވޭތީކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: ފޭސްބުކް

2017 ވަނައަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވާ އޭދަފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އިޢްލާން ކުރުން ލަސްވަނީ އޭދަފުށީގެ ލޭންޑްޔޫސް ޕްލޭން ފައިނަލް ނުކުރެވި އޮތުމުން ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިައެވެ.

އައްޑޫ ފޭދޫ އަދި ޅ. ނައިފަރާ، ހިންނަވަރުގައި 300 ހައުސިން ޔުނިޓް އެޅުމަށް އިއްޔެ ފިނޭންސް މިނިސްޓްރީން އިޢްލާން ކުރުމާ ގުޅިގެން އޭދަފުށީ ކައުންސިލަށް އީވީން ދެންނެވި ސުވާލެއްގެ ޖަވާބުގައި ކައުންސިލުން ބުނީ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފެށިފައިވާ ކަމަށާ، މިހަފްތާގެ ބަންދުތެރޭގައި ޕްލޭން ފައިނަލްކޮށް ހައުސިންގް މިނިސްޓްރީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ޕްލޭން ފައިނަލް ކޮށް ފޮނުވުމާއެކު، މިއަހަރު ނިމުމުގެ ކުރިން ހައުސިންގް ޔުނިޓްތައް އެޅުމަށް ބީލަމަށް ލެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށެވެ.

“ވަރަށް ގިނަ ބަޔަކު އަޅުގަނޑާ ސުވާލުކުރަމުން އެބަދޭ އޭދަފުށި އިޢްލާންކޮށްފައި ނުވާތީ، އަޅުގަނޑުމެންނަށް ހައުސިންގް މިނިސްޓްރީން ފޮނުވި އޭދަފުށީގެ ލޭންޑްޔޫސް ޕްލޭން ޑްރާފްޓް ފައިނަލްކޮށް އަންނަ ހަފްތާތެރޭގައި ހައުސިންގް މިނިސްޓްރީއަށް ފޮނުވަން މަސައްކަތް ކުރަމުން މިދަނީ. ހައުސިންގް މިނިސްޓްރީން ބުނަނީ ޑްރާފްޓް ފައިނަލް ވީމާ އިޢްލާން ކުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެކަމަށް” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ އޭދަފުށީ ހިއްކިބިމުގައި ހައުސިން ޔުނިޓް އެޅުމަކީ އޭދަފުށީގެ ރައްޔިތުންނަށް ދަތިވެފައިވާ ގެދޮރުގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނޭކަމެއްކަމަށާ، އުއްމީދަކީ އަންނަ އަހަރުގެ ފެށުމުގެ ކުރިން ހައުސިންގް ޔުނިޓްތައް ކޮންޓްރެކްޓަރަކާ ހަވާލުކުރުންކަމަށެވެ.

އާންމުން ދިރިއުޅުމަށް އެންމެފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އޭދަފުއްޓަކީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ހަަމައެއާއެކު އޭދަފުށީގައި ގޯތި ބޭނުންވެފައިވާ މީހުންގެ ދިގު ކިޔޫއެއްވެސް އެބައޮތެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން 2014 ވަނައަހަރުވަނީ އޭދަފުށި ފަޅުން 26 ހެކްޓަރުގެ ބިން ހިއްކާފައެވެ. ނަމަވެސް އެބިމުން އަދި ގޯތިދޫކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top