އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި ބަލި މީހަކަށް ފަރުވާ ދެނީ.

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

މި ކަން ވަނީ ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު އީވީއަށް ޔަގީން ކޮށްދެއްވާފައެވެ.

މެނޭޖަރު ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ އަކަށް ކަމަށެވެ. އެކަމަކު އެމީހާއަކީ ކޮވިޑަށް ޕޮޒިޓިވް ވެގެން ރިސޯޓުން ގެނައި މީހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

“އެމީހާ ބަލިވެގެން ގެނައީ. އެކަމަކު މަރާމާތު ކުރުމަށް ބަންދު ކޮށްފައިވާ އެރިސޯޓުގައި ކޮވިޑް އުޅޭތީ އެއީ ކޮންޓެކްޓް ކޭސް އެއް ކަމަށް ބަލައިގެން ފުރިހަމަ ސެކިއުރިޓީއާއެކު ގޮސް ކޮވިޑަށް ޓެސްޓް ހެދުމުން އެނގުނީ އެމީހާ ކޮވިޑަށް ޕޮޒިޓިވް ކަން. ” މެނޭޖަރު ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އެމީހާ އަށް ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމު ކޮށްފައި ހުންނަ މެޑިކަލް ފެސިޓީގައި އެޑްމިޓް ކޮށް ފަރުވާ ދެވެމުން ދާ ކަމަށެވެ.

އޭދަފުށީގައި ގާއިމު ކޮށްފައި ހުންނަ މެޑިކަލް ފެސިލިޓީގައި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށެވެ.

ފިނޮޅު ރިސޯޓުގައި މިހާރުވެސް ހަތަރު ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. މިކަން އެނގިފައި ވަނީ އެތަނުގައި މަސައްކަތްކުރަން އުޅުނު މީހަކު މާލެ ގޮސް އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުންނެވެ.

ރާއްޖޭގައި މިހާތަނަށް 3،719 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު 1،120 މީހުންނަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. ބަލީގައި 16 މީހަކު ރާއްޖެއިން މަރުވެފައިވާއިރު 2،568 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top