އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ފަށައިފި

ޕޮި.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެގޮތް ހެދުމުގެ ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ފަށައިފިއެވެ.

އާސަންދައިގެ ދަށުން ހިލޭ ކޮންމެ މީހަކަށް ވެސް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދާއި އެއްގޮތަށް ދިވެހިންނަށް ކޮންމެ އަހަރަކު ދެ ފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުން އިއުލާން ކުރުމަށް މިއަދު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގައި ބޭއްވި ބައްދަލު ވުމުގައި އެންސްޕާގެ ސީއޯއޯ ހީނާ ވަލީދު ވިދާޅުވީ، އެ ސިޔާސަތު ތަންފީޒު ކުރަން ފަށާނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން، އަހަރުގެ އެކި ތާރީހުތަކުގައި އުމުރު ފުރާތަކަށް ކަމަށެވެ.

އެގޮތުން މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށާއި އަދި ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާ އެކު މެޑިކަލް ދެވަނަ މެޑިކަލް ޗެކަޕެއް ވެސް އާސަންދައިގެ ދަށުން ހެދޭނެއެވެ.

މިހާރު ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުނަސް، އަންނަ އެޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނާއި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އަދި ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ.

ހީނާ ވިދާޅުވީ ހިދުމަތް ފެށިގެން ކުރިއަށްދާ ވަރަކަށް ހިދުމަތް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބަލަމުން ގެންދާނެ ކަމަށެވެ. އަދި ބަދަލެއް ގެންނަންޖެހޭ ނަމަ އެ ބަދަލެއް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

މެޑިކަލް ޗެކަޕްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށާއި އެ ހިދުމަތް ހޯދަން ރަށްރަށުގެ ސިއްހީ މަރުކަރުތަކާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައި ނަން ނޯޓު ކުރެވޭނެ ކަމަށް އާސަންދައިން ބުންޏެވެ. ނަން ނޯޓު ކުރުމުން ޗެކަޕް ހަދަންޖެހޭ ދުވަސް ހޮސްޕިޓަލުން އަންގާނެ ކަމަށާއި އެ ދުވަހަކަށް ހޮސްޕިޓަލަށް ދިއުމުން އެ ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕް ހަދާނީ ޕެކޭޖުތަކަކަށް ބަހާލައިގެން ކަމަށާއި އެ ޕެކޭޖުތައް ހަދާފައި ހުންނާނީ އުމުރުފުރާތަކަށް ބަހާލައިގެން ކަމަށެވެ.

އެންސްޕާއިން އެކުލަވާލައިފައިވާ އުސޫލުގެ ތެރެއިން ވަކިވަކި އުމުރުފުރާތަކަށް ޚާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއް ފަހަރު ބޭނުން ކުރެވޭނެއެވެ. ނަމަވެސް، ޑޮކްޓަރުގެ ލަފާގެ މަތިން އެއް މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ މެޑިކަލް ޗެކަޕެއް ވެސް ހެދޭނެ ކަމަށް އެ އުސޫލު ބަޔާން ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top