ކުޑަކުދިންނަށް ފޯނު ދިނުން- ހުއްޓަން ޖެހޭ އާދައެއް!

ph587dk14o2qbwe.jpg

ކުޑަ ދަރިފުޅު ބަލަމުން ގޭތެރޭ މަސައްކަތް ކުރަން އުނދަގޫ ވުމުން އެ ކުދިންގެ އަތަށް ތިމާގެ ސެލްފޯނު ދެވޭހެއްޔެވެ؟ އިލްމީ ގޮތުން އަދި ސިއްހީ ގޮތުން ބެލިޔަސް މިއީ ކުރަން އެހާ ރަނގަޅު ކަމެއް ނޫނެވެ. ކުޑަކުދިންގެ އަތަށް ފޯނާއި ޓެބްލެޓް އަދި ލެޕްޓޮޕް ފަދަ ތަކެތި ދިނުމަކީ އެކުދިންގެ ވިސްނުމަށާއި ހެދި ބޮޑުވުމަށް ނުރައްކާތެރި ކަމެކެވެ.

ޅަ އުމުރުގައި ކުދިން އަތަށް ފޯނު ދިނުމުން ފޯނުން އަބަދު ގޭމް ކުޅެ، ވީޑިއޯ ބަލާހިތްވެ އިތުރު ކަމެއް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ނިދި އެންމެ ބޭނުންވާ އުމުރުގައި ނިދަން ވީ ވަރަށް ނުނިދުމާއި ކާއެއްޗެހީގެ ރާހަތެއް ނުކުރުމުން އިސާހިތަކު ކުއްޖާ ޑިޕްރެޝަނަށް ވެއްޓިދާނެއެވެ.

މިޒަމާނަކީ ކޮންމެ ކުއްޖެއްގެ އަތުގައިވެސް މި ފަދަ ވަސީލަތެއް އޮންނަ ޒަމާނެއްކަމުން، ޓެބްލެޓެއް ނުވަތަ އައިޕެޑެއް ނެތް ކުއްޖަކުވެސް އެހެން ކުދިން އެފަދަ ވަސީލަތްތައް ގެންގުޅޭތަން ފެނުމުން އެެއަށް ބޭނުންވެ ރޮއި ހެދުމުން ކުއްޖާ ރުއްސަން އަތުގައި އޮންނަ ފޯނު ދެވޭތަން އާދެއެވެ. ކުދިން ރޮއި އަޑުގަދަ ކުރުމަށްވުރެ ފޯނު ހިފައިގެން އަނގަޔަކުން ތުނބަކުން ނުބުނެ ތިބީމަ ބައެއް މައިންބަފައިންގެ ބޮލަށް ފަސޭހައެވެ. އެހެން ކަމުން މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ތަސައްވަރެއް ވެސް ނުކުރެވެއެވެ.

ކުޑަކުދިން ރޯނެއެވެ. އެއްޗިހި ހޯދައިދިނުމަށް އެދި ބޮޑާވެސް ހާކާނެއެވެ. އެހެނެއް ކަމަކު ކުދިންގެ މުސްތަގުބަލަށް ވިސްނާ، އެކުދިންނަށް އެކަށީގެން ވަނީ ކޯޗެއްތޯ ބެލުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ކުދިން ހަމަ ރޯލާއިރަށް ބޭނުންވާ ކޮންމެ އެއްޗެއް ދޭނަމަ އެދެވެނީ ކުއްޖާއަށް ބޮޑު އަނިޔާއެކެވެ. ހަމަ މި އުސޫލުން ކުދިން އަތަށް ފޯނު ދިނުމުން އެކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތައް ވަރަށް ގިނައެވެ. ކުދި ކުދި ކަންކަމާ ރުޅި ގަދަވެ އެއްޗެއް ނުލިބިއްޖެނަމަ ގެ އެއްފުށުން އަނެއް ފުށަށް ޖަހާ ވަރު ކޮށްލާތަން ދެކޭކަށް އެއްވެސް ބެލެނިވެރިއަކު ބޭނުމެއް ނުވާނެއެވެ.

ފޯނުބަލައިގެން އުޅޭ ކުދިން އާންމުކޮށް ބޭނުންވާނީ އެއްވެސް މީހެއްގެ އުނދަގޫ ނުފޯރާ ހިސާބު ދުރުގައި ތިބޭށެވެ. މިހެން ވެއްޖެނަމަ ބޮޑުވަމުން އަންނައިރު ކަންކަމާ ކުރިމަތި ލުމާއި މީހުންގެ ތެރެއަށް ނިކުމެ އުޅުން އެއީ އެ ކުދިންނަށް ދަތި ކަމަކަށް ވެގެންދާނެއެވެ. މީހުންނަށް އިހުތިރާމު ކުރުން ފަދަ ކަންކަން ކުޑައިރު ދަސް ނުވެއްޖެނަމަ ދެން އަލުން ދަސްކޮށްދޭން ފަސޭހައެއް ނުވާނެއެވެ. ތިމާގެ ދަރިންނަކީ އެއްވެސް ކަމެއްގައި އިސްނަގައި އުޅެން ބޭނުންވާ ކުދިންނަށް ވުމަކީ އެއްވެސް މައެއް އަދި ބަފައެއް ވެސް ބޭނުން ވާނެ ކަމެއް ހެއްޔެވެ؟

އެކަނި ވެރިވުމާއި ކިޔެވުމާއި ދުރުވުން ފަދަ ކަންކަމުގެ އިތުރުން، ކުދިންނަށް ފޯނުން ބޭނުން އެއްޗެއް ބަލަން ދީފައި ދޫކޮށްލުމުން އެކުދިން އިންޓަރނެޓު މެދުވެރިކޮށް ކޮންމެ ފަދަ އެއްޗެއް ވެސް ބަލާފާނެއެވެ. އެކުދިން އަމިއްލަ އަށް ހޯދައިގެން ނުބެލި ކަމުގައި ވިޔަސް އިންޓަރނެޓަކީ އެފަދަ ކަންކަމަށް މަގުފަހިވާ ގޮތަށް އުފައްދާފައިވާ ތަނެކެވެ. ކުދިންގެ އުމުރާއި ނުގުޅޭ އެއްޗެހި ފެނުމަކީ އެ ކުދިންގެ ވިސްނުމާއި ކުޅެލާ ކަމެކެވެ.

ގެންގުޅެން ފަސޭހައަށް ވިޔަސް، ކުދިން ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ވިޔަސް އެކުދިން އަތަށް ފޯނު ފަދަ މުވާސަލާތީ ވަސީލަތްތަށް ނުދޭށެވެ. ކުދިންގެ އުމުރާއި ގުޅޭ ކުޅިވަރުތަކާއި ކިޔޭނެ ފޮތް ފަދަ ތަކެތި ދިނުމުން އެކުދިންނަށް މާ ފައިދާ ކުރާނެއެވެ.

(ޖަޒީރާ ނިއުސްގައި ޝަރޫނާ ޢަބްދުﷲ ލިއުއްވާފައިވާ ލިޔުއްވުމެއް)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top