އޭދަފުށީ ހުކުރު މިސްކިތުގެ ސީލިނގް ބަދަލުކުރުން މަޑުޖައްސާލައިފި

DSCN2726.jpg

އޭދަފުށީ ހުކުރު މިސްކިތް، މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގެ ސީލިންގް ބަދަލުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން، މަޑުޖައްސާލާފައިވާކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެމަސައްކަތް ބަޔަކާ ހަވާލުކުރުން މަޑުޖައްސާލާފައިވަނީ އޮކްޓޯބަރުމަހު ކުރެވުނު އިޢްލާނާއި ގުޅިގެން ހުށައެޅިފައިވާ އެސްޓިމޭޓްތައް އިސްލާމިކް މިނިސްޓްރީން ބަލަމުންދާތީކަމުގައެވެ. އޭދަފުށި ކައުންސިލުން އިއްޔެ ކުރި އިޢްލާނެއްގައި ބުނާގޮތުން އެސްޓިމޭޓްތަކުގައި އިތުރު މައްސަލައެއް އުޅޭކަމަށް މިނިސްޓްރީން ފާހަގަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މަޑުޖައްސާލަން ޖެހުނު ސަބަބެއްވެސް އިޢްލާންގައި ބަޔާންކޮށްފައެއް ނުވެއެވެ.

އޭދަފުށި ހުކުރު މިސްކިތުގެ ސީލިންގް ބަދަލުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން މަޑުޖައްސާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިމިވަނީ، މިސްކިތުގެ މަސައްކަތް އެވޯޑް ކުރުމަށް ހަމަޖެހުނު ކުންފުންޏާމެދު ރައްޔިތުންގެ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހު ކައުންސިލުން ރައްޔިތުންނާ ބޭއްވި ބައްދަލުވުމެއްގައި މިމައްސަލަ ވަރަށް ހޫނުވިއެވެ. އަދި އޭދަފުށި މަސައްކަތް ތެރިންގެ ޕެޓިޝަނެއް ކައުންސިލަށް ހުށައަޅާފައިވާ ކަމުގެ މައުލޫމާތެއްވެސް ފެތުރިފައިވެއެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި އޭދަފުށި މަސައްކަތްތެރިން ބުނެފައިވަނީ އޭދަފުށީ ހުކުރު މިސްކިތަކީ މިރަށުގެ މަސައްކަތްތެރިން ވަރަށް ފަރުވާތެރިކަމާއެކު ކޮށްފައިވާ މަސައްކަތެއް ކަމަށްވާތީ، ކޮންޓްރެކްޓް އެވޯޑް ކުރާ ފަރާތުގެ ފެންވަރާމެދު ސުވާލު އުފެދޭކަމަށެވެ.

އޭދަފުށީ ހުކުރު މިސްކިތުގެ ސީލިންގް ބާވެ، ސީލިންގުން ބައެއް ހަލާކުވެފައިވާތީ، މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ބަޖެޓްގައި 6 ލައްކަރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިމަނާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

800 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް ބިނާކޮށްފައިވާ އޭދަފުށި ހުކުރު މިސްކިތަކީ ސަރުކާރުގެ އެހީއާއެކު، އޭދަފުށި ރައްޔިތުން ހިލޭސާބަހަށް މަސައްކަތް ކޮށްގެން 1995 ވަނައަހަރު ބިނާކޮށް ނިންމި މިސްކިތެކެވެ. އޭގެފަހުން މިމިސްކިތުގައި މިހާތަނަށް ކުރެވުނު މައިގަނޑު ބޮޑެތި މަރާމާތުތައް ކޮށްފައިވަނީވެސް އޭދަފުށި ރައްޔިތުން ހިލޭ ސާބަހަށެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު