ޑރ. ޒިޔާދަށް ކުރި ދައުވާ ސާބިތެއްނުވި

file_xp3ymd.jpg

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ، މިނިސްޓަރު ކަމުގައި ހުންނެވި އިރު، މަގާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއެކު އެސް.ޖޭ ކޮންސްޓްރަކްޝަން އަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ. އެހެން ނަމަވެސް، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ދައުލަތުން ޒިޔާދުގެ މައްޗަށް ތުހުމަތު ކުރި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކުން ފާސްވެގެން، ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ލިބިގެން އައި އެއްބަސްވުމެއްގައި ކުށް އިބާރާތެއް އޮއްވައި، ސޮއިކުރެއްވުމަކީ ޒިޔާދު ޒިންމާދާރުކަން ކުޑަކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

އެއީ އެއްބަސްވުމުގެ ފަހުބަސް ބުނުމުގެ ހައްގު އިސްލާމިކް މިނިސްޓްރީއަށް ލިބިގެން ނުވާތީ އާއި، އެއްވެސް މުވައްޒަފެއްގެ ލޮލުގައި އަޅައި ނުގަތް ލިޔުމުގެ ކުށެއް މިނިސްޓަރުގެ ލޮލުގައި އަޅައި ގަންނާނެކަން އިންސާނެއްގެ ހަމަބުއްދިއަށް ގަބޫލުނުކުރެވޭނެތީ ކަމަށް ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވިއެވެ.

ޑރ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ އޭރުގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ދައުވާ އުފުލާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top