ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލަނީ

big_Lc1k3ZezcCb6VeljxRfbKSqc9.jpg

ގޮއިދުއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅަުމުން ފެންނާނެ ގޮތުގެ ކުރެހުމެއް

ބ. ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލަން ނިންމާ އެކަމާގުޅޭ ފައިސާގެ ބައެއް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު ހިމަނާފައިވަނީ ގޮއިދޫގެ މަޝްރޫއެއްގެ ގޮތުގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ވަނީ އެ މަޝްރޫއުގެ ޕްރީޓެންޑަރިންއާ ގުޅޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ދެ ލައްކަ ރުފިޔާ އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޔާން ވިދާޅުވީ ގޮއިދޫ ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް އެއްވެސް އިރަކު ގޮއިދޫ ރައްޔިތުންނާއި ކައުންސިލުން ސަރުކާރުގައި އެދިފައި ނުވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ގޮއިދޫ އާއި ފެހެންދޫ ގުޅާލުމުގެ މަސައްކަތް ފަށަން ބޭނުންވާ ފައިސާގެ އެއްވެސް މިންވަރެއް ހިމަނާފައިވާކަން ނޭނގޭ ކަމަށެވެ.

“ސަރުކާރުން އެކަން ކުރާނަމަ ގޮއިދޫ ރައްޔިތުންނާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. ހަމަގައިމު ވެސް ބަޖެޓުގައި ތިކަން ކުރަން ހިމަނާފައިވަނީ އަޅުގަނޑުމެންގެ ބަހެއް ނެތި. ކޯޒްވޭ އަކުން ދެ ރަށް ގުޅާލައިފިނަމަ މިރަށުގެ މަސްވެރިން އެން ހޯދުމަށް ކުރަންޖެހޭ ދަތުރު ވަރަށް ބޮޑަށް ދިގުވެ އިތުރު ހަރަދުތަކެއް ހިނގާނެ. އެހެންވީމާ އެކަހަލަ ކަމެއް ހިނގާއިރު މި ހުންނަނީ ވިސްނާލަންޖެހޭ ކަންކަން،” އޮންލައިން ނޫސް ”އަވަސް“ އަށް މައުލުމާތު ހިއްސާ ކުރައްވަމުން ގޮއިދޫ ކައުންސިލުގެ ރައީސް މުހައްމަދު ސިޔާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފެހެންދޫ ރައްޔިތުން ގޮއިދޫ އަށް ހިޖުރަކުރަން ބޭނުންވާނަމަ އެކަމަށް ގޮއިދޫ ރައްޔިތުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ކޯޒްވޭއެއް ހެދުމަށް ސަރުކާރުން ވިސްނީ ފެހެންދޫ ސްކޫލު ބަންދުކޮށްފައި ހުރުމުންނާއި ފެހެންދޫ އަށް ލަފާފޭބުމަށް ކުރީގައި ދަތިތަކެއް ހުރުމުން ކަމަށް ބެލެވޭ ކަމަށްވެސް ސިޔާން ވިދާޅުވި އެވެ.

“އެކަމަކު މިހާރު ފެހެންދޫގައި އަލުން ސްކޫލު ހުޅުވަން އެ ތައްޔާރުވަނީ. އަނެއްކާ ރަނގަޅު ފެންވަރެއްގެ ބަނދަރެއް ވެސް މިހާރު އެބައޮތް. އެހެންވީމާ ފެހެންދޫ ރައްޔިތުންނަށް އެ މައްސަލަތަކުގައި މިހާރު އެވަނީ ފަސޭހަތަކެއް ލިބިފައި،” ސިޔާން ވިދާޅުވި އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފެހެންދޫ އަށް ވަޑައިގަތުމުން އޭރު ފެހެންދޫގެ ހާލަތު ހުރި ގޮތުން ގޮއިދޫއާއި ފެހެންދޫ ގުޅާލަ ދިނުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސް އަށް ހުށަހެޅުއްވި ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިހާރު ފެހެންދޫގައި ސްކޫލެއް ހުޅުވި ބަނދަރުވެސް ނިމުމަކާ ހަމައަށް ގޮސްފައިވާތީ ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް ކުރިން ރައްޔިތުން ބޭނުންވި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ޖެހޭނީ ކޯޒްވޭ އެއް ހަދާނަމަ މިހާރު ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބަލަން. ހަމަގައިމު ވެސް އަންނަ އަހަރު ބަޖެޓުގައި ކޯޒްވޭ ހެދުމަށް ފައިސާ ހިމެނުމަށް މިހާރުގެ ކައުންސިލުން ސަރުކާރުގައި އެދިފައެއް ނުވާނެ. މިއަދު ތިބޭފުޅުން ސުވާލުކުރުމާ ހަމައަށް ބަޖެޓުގައި ކޯޒްވޭ މަޝްރޫއު ހިމަނާފައި އޮތް ކަމަކަށްވެސް އެނގިފައެއް ނުވޭ،” ޖާދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުން ލިބޭނެ ފަސޭހަތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއާ އެކު މުޅި އެ ސަރަހައްދުގެ ތިމާވެއްޓަށް ބަދަލުތަކެއް އަންނާނެތީވެ އެއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ފެހެންދޫ އަކީ ރާއްޖޭގައި އެންމެ މީހުން މަދު އެއް ރަށަށްވީ ނަމަވެސް އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމުގެ ވިސްނުން މިހާރު ނެތް ކަމަށްވެސް ޖާދުﷲ ވިދާޅުވި އެވެ.

ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާއިރު އެއް ފަޅުތެރޭގައި އޮންނަ ގޮއިދޫއާއި ފެހެންދޫ އާއި ފުޅަދޫގެ ކަރަންޓް އެއްވިއުގަ އަކުން ގުޅާލުމުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރަށް އިއުލާނު ވެސް ކުރި އެވެ. އެކަމަކު އެ މަސައްކަތް ކޮށްދޭނެ ބަޔަކު އަދި ލިބިފައެއް ނުވާ ކަމަށް ވެއެވެ.

ތަބައީ ގޮތުން އެއް އވަކި އަތޮޅެއްގެ ގޮތުގައި އެއް ފަޅުތެރޭގައި އޮންނަ ގޮއިފުޅަފެހެންދޫގެ އާބާދީ އަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top