ޒައިނަބު ރޭޕްކޮށް މަރާލިކަމުގެ ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ފަށައިފި

2371801100081714107_4202540.jpg

އުމުރުން ހައަހަރުގެ ޒަިއިނަބު އަންސާރީ ، ރޭޕް ކުރުމަށް ފަހު ވަނީ މަރާލާފައި

ޕާކިސްތާނުގައި އުމުރުން ހަ އަހަރުގެ ޒައިނަބު ރޭޕްކުރުމަށްފަހު މަރާލިކަމަށް ތުހުމަތު ކުރެވުނު އިމްރާން އަލީގެ ޝަރީއަތް ފަށައިފިއެވެ.

އުމުރުން 24 އަހަރުގެ އިމްރާންގެ މައްޗަށް ދައުވާ އުފުލުމަށް ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑުހުން ސަލާމަތީ ސަބަބުތަކަށްޓަކައި ބާއްވާފައިވަނީ ލާހޫރުގެ ކޮޓް ލަޚްޕަޓް ޖަލުގައެވެ.

ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މިއަދު އިމްރާން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާގެ ވަކީލު މާހިރް ޝަކީލް މުލްޓާނީ ، ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޒައިނަބު ރޭޕްކޮށް މަރާލި ކަމަށްބުނެ އިމްރާންގެ މައްޗަށް ކޮށްފައިވަނީ ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމުގައެވެ.

މިމައްސަލާގައި މާދަމާ ހެކިން ކޯޓަށް ހާޟިރުކުރެވޭނެއެވެ.

ޒައިނަބު ފާތިމާ އަމީން ރޭޕް ކުރުމަސްފަހު މަރާލާފައި އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަމަހު، އޭނާ ދިރިއުޅެމުންދިޔަ ޕަންޖާބު ސިޓީގެ ކަސޫރު އަވަށުންނެވެ.

މިކަމާ ގުޅިގެން ކަސޫރު އަވަށުގެ އިތުރުން، މުޅި ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް ފެށިގެންދިޔައެވެ. ރުޅިއައިސްގެން މަގުތަކަށް ނުކުތް އެތައްހާސް އާންމުންވަނީ ފުލުހުންގެ ސްޓޭޝަންތަކަށް ހަމަލާދީ، އަދި ސިޔާސީ ބައެއް ލީޑަރުންގެ ގެތަކުގައި ހުޅުވެސް ޖަހާފައެވެ.

ޒައިނަބު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި އިމްރާން ހައްޔަރުކޮށް، ޒައިނަބު މަރާލާފައި އެއްލާލާފައި އޮތްތަނުން އިމްރާންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރުމާ ގުޅިގެން އޭނާ އާންމުންގެ ތެރޭގައި ދަންޖެއްސުމަށް އެތައް ބަޔަކު ގޮވާލަމުންވެސް ގެންދެއެވެ.

ފާއިތުވީ ދެއަހަރުގެ ތެރޭގައި ކަސޫރު އަވަށުގައި ކުޑަކުދިން ރޭޕްކޮށް މަރާލުމުގެ ހަތަރު ހާދިސާއެއް ހިނގާފައި ވެއެވެ.

ޒައިނަބުގެ ބައްޕަ، އަމީން އަންސާރީ ބުނެފައިވަނީ، އޭނާގެ ދަރިފުޅު ޒައިނަބު ރޭޕްކޮށް މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އިމްރާން އަލީއަކީ އޭނާގެ އާއިލާ ދިރިއުޅޭ ގެއާ ކައިރީގައި އުޅެމުންދިޔަ މީހެއް ކަމަށެވެ. އަދި ޒައިނަބުގެ މަރާލާފައިވާ ހަށިގަނޑު ފެނުމާ ގުޅިގެން ކަސޫރު އަވަށުގައި ފެށި މުޒާހަރާތަކުގައިވެސް އޭނާ ބައިވެރިވި ކަމަށެވެ.

ޒައިނަބު ރޭޕްކޮށް މަރާލި ހާދިސާ ހިނގިއިރު އޭނާގެ މަންމައާއި ބައްޕަ ތިބީ، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް މައްކާގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top