ބަރަކާތްތެރި ރަމަޟާން މަސް ނިމި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ޖަލްސާ އޮންނާނީ މިރޭ 20:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
އެ ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާނު ކުރާއިރު ޓީވީ އާއި ރޭޑިއޯ އިން ލައިވް ކުރާނެ ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާ ކުރައްވާނީ ފޮރިން މިނިސްޓްރީންނެވެ.