ތާރީޚުން ފިލާވަޅެއް 1: ޖަރުމަނުވިލާތުގެ ވާހަކަ

Fotothek_df_roe-neg_0000508_002_Wiederaufbauarbeiten.jpg

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނު ވިލާތް

ލިއުނީ :ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު

ތާރީޚަކީ ގިނަގުނަ، އަގުހުރި، ފިލާވަޅުތަކުން ފުރިފައިވާ ވާހަކަތައް އެކުލެވޭ މައުލޫމާތުގެ މަސްދަރެކެވެ. ތަފާތު އިބުރަތްތެރި ދަރުސުތައް، އެމަސްދަރުން ލިބިދޭ ހިކުމަތުގެ ޚަޒާނާއެކެވެ. އެމަސްދަރުން، އުއްމަތްތަކަށް ދިރުން ލިބި، ވަރުގަދަވެ، ކުރިއަރައި ދާ ގޮތުގެ ވާހަކަތައް އެނގެން އޮވެއެވެ. އުއްމަތްތައް ބަލިކަށިވެ، މަރުވެ، ނިމިދާ ގޮތުގެ ވާހަކަތައް ވެސް ލިބެން އޮވެއެވެ. މިވާހަކަތައް ހޯދައި، ކިޔައި، ތާރީޚުން ފިލާވަޅު ލިބިގަނެ، އިބުރަތް ހާސިލު ކުރަން ބޭނުން ބައަކަށް އެކަން އޮތީ ކުރެވޭ ގޮތަށެވެ. އެމީހުންގެ ވިސްނުމާއި ފިކުރު ބޭނުންކޮށްގެން ތާރީޚު ދައްކާ މިސާލުން، ދަރުސަކަށް ފަހު ދަރުސެއް ލިބިގަނެ އެއިން އިބުރަތް ހާސިލު ކުރުމުގެ މަގުއޮތީ ހުޅުވިފައެވެ.

“ތާރީޚުން ފިލާވާޅެއް” މިސިލްސިލާގައި، އަޅުގަނޑު ގަސްދުކުރަނީ ތާރީޚީ ހާދިސާތަކާ ބެހެ ތަފްސީލީ މައުލޫމާތުތަކެއް ހުށަހަޅާލުމެއް ނޫނެވެ. އަދި ތާރީޚީ ހާދިސާތަކެއް ތަހުލީލުކޮށް، އެހާދިސާތަކުގެ ތާރީޚީ ހަގީގަތް ހޯދުމެއްވެސް ނޫނެވެ. މިސިލްސިލާގައި، އަޅުގަނޑު ބަލައިލަން ގަސްދުކުރަނީ، ތާރީޚީ ހާދިސާއަކަށް އިޝާރާތް ކޮށްލުމަށްފަހު، އެ ހާދިސާއިން، މިއަދު އަޅުގަނޑުމެންނަށް ލިބިގަނެވޭނޭ ފައިދާއަކީ ކޮބައިތޯ ކަމުގެ މައްޗަށެވެ. މިއަދު، އެހާދިސާއިން، އަޅުގަނޑުމެންނަށް، ލިބިގަނެވެން އޮތް ފިލާވަޅަކީ، ހާސިލު ކުރެވެން އޮތް އިބުރަތަކީ، ކޮބައިތޯކަމުގެ މައްޗަށެވެ.

މިސިލްސިލާގައި، ތާރީޚީ އެ ހާދިސާއަކުން އިބުރަތް ލިބިގަތުމުގެ ގޮތުން، ހުށަހަޅާލަން ގަސްދުކުރާ، ފުރަތަމަ ތާރީޚީ ހާދިސާ ގުޅެނީ ޖަރުމަނު ވިލާތުގެ ވާހަކައަކާއި އެވެ. އެވާހަކަ ގުޅެނީ 1945ވަނަ އަހަރާއި އެވެ. އެއަހަރުގެ މޭ މަހާއި އެވެ. މިމަހަކީ ރަސްމީ ސިފައިގައި، ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަނު ވިލާތް ބަލިވެއްޖެކަން ގަބޫލުކޮށް، ޖަރުމަނުގެ ހަނގުރާމަވެރިން އަމާން ދިން މަހެވެ. މިއަހަރުގެ މޭމަހުގެ ދެވަނަ ދުވަހު ބާރލިންގެ މާރަކާ (ބެޓްލް އޮފް ބާރލިން) ނިމުމަކަށް ގެނެސް ޖެނެރަލް ހެލްމުޓް ވީޑްލިންގެ، އެއްވެސް ޝަރުތަކާއި ނުލައި، ސޯވިއެޓްގެ ހަނގުރާމަވެރިންނަށް އަމާންދީ ބާރލިން ހަވާލު ކުރިއެވެ. އަދި މިއާ ވިދިގެން ޖަރުމަނު ވިލާތުގެ އެހެން ހިސާބުތަކުގެ ހަނގުރާމަވެރިން ވެސް އަމާންދިނެވެ. އާދެ، ދެވަނަ ބޮޑުހަނގުރާމައިގައި ޖަރުމަނު ވިލާތް ބަލިވެ، އެހަނގުރާމައިގެ ޔޫރަޕުގެ މަރުހަލާ ނިމުމުމަކަށް އައީ އެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއި އަދި އެހަނގުރާމަ ޖަރުމަނުވިލާތަށް ކުރި ހަލާކުގެ އަސަރަށް އިޝާރަތްކޮށް، ‘ސްޓުންޑެ ނަލް’ ނުވަތަ ‘ސުން ގަޑި’ މި އިބާރަތް ބޭނުން ކުރެވެ އެވެ. މިއިބާރާތުން ދޭހަވާ މަފްހޫމުގައި ދެކަމެއް އެކުލެވެ އެވެ. ފުރަތަމަ ކަމަކީ ދެވަނަ ބޮޑު ހަނގުރާމަ ޖަރުމަނަށް ކުރިމަތި ކުރުވި ބޮޑު ގެއްލުމެވެ. މާއްދީ ގޮތުންނާއި މައުނަވީ ގޮތުންނެވެ. އެތައް މިލިޔަން މީހުން މަރުވުމެވެ. ރަށްތައް ހަލާކުވެ ސުންނާފަތި ވުމެވެ. އިލްމީ ހުނަރާއި އަދި ޖަރުމަނަށް ލިބިފައިއޮތް އުފެއްދުންތެރި ކަމުގެ ގާބިލިއްޔަތު އުނިވެ ދިޔުމެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއެރުމެވެ. މުޅި ގައުމު ބޭރުބައެއްގެ – އިނގިރޭސިން، ފަރަންސޭސިން، އެމެރިކާނުން، އަދި ސޯވިއެޓުންގެ– ބާރުގެ ދަށަށް ދިޔުމެވެ.

‘ސުންގަޑި’ މިމަފްހޫމުގެ މާނައިގައި އެކުލެވޭ ދެވަނަ ބަޔަކީ ޖަރުމަނު ވިލާތް މުޅީން އަލުން ބިނާކުރަން ޖެހިފައި އޮތްކަމެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން، މުޅި ޔޫރަޕުގައިވެސް، އަދި މުޅި ދުނިޔޭގައިވެސް، އިލްމީ ގޮތުންނާއި ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމުގައި ބެލެވުނު ޖަރުމަނުވިލާތް އޮތީ ހަގީގަތުގައިވެސް ފުނޑުފުނޑު ވެފައެވެ. ރަށްތައް ހަލާކުވެ ކުނިބުންޏަށް ވެފައެވެ. އާއްމު މީސްތަކުންވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފަ އެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން، ޖަރުމަނު ވިލާތަށް ކުރިމަތިވެފައިއޮތް އެންމެ ބޮޑު ތަހައްދީއަކީ، ގޮންޖެހުމަކީ، މުޅި ގައުމު އަލުން ބިނާކުރުމުގެ ބުރަ މަސައްކަތެވެ. އާދެ، 1945 މޭމަހު، ޖަރުމަނުވިލާތް، ‘ސުންގަޑި’ އާއި ކުރިމަތި ލާން ޖެހުނެވެ. އެގައުމުގެ މީހުންނަށް، އެމީހުންގެ ގައުމު އޮތް ހާލަތާއި ކުރިމަތިލައި އެމީހުންގެ އަމިއްލަ ގައުމު އަލުން ބިނާކުރުމުގެ ބުރަ މަސައްކަތް ފަށަން ޖެހުނެވެ.

އަޅުގަނޑު މިއަދު މިތަނުގައި ފާހަގަކޮށްލަން ބޭނުންވާ ތާރީޚުން ލިބޭ ފިލާވަޅާއި އިބުރަތުގެ ވާހަކަ ގުޅެނީ މިމަސައްކަތާއެވެ. 1945 ގައި މުޅިން ހަލާކުވެ، ފުނޑުފުނޑުވެފައި އޮތް ގައުމެއް 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަލުން ބިނާކޮށް، މުޅިޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް އިގުތިސާދީ ބާރަށް ވެގެން ދިޔަގޮތުގެ ވާހަކައާއެވެ. މިކަން އެނގި ފަހުމްވެ ދިޔުމަށްޓަކައި، އެންމެ ފުރަތަމަ، 1945ގައި، ދެވަނަ ބޮޑުހަނގުރާމަ ނިމުނު އިރު، ޖަރުމަނުވިލާތް އޮތް ހާލަތުގެ މައްޗަށް އިތުރަށް ބަލައިލަމާތޯއެވެ. ޖަރުމަނުވިލާތުގެ ރައްޔިތުން ކުރަން އޮތް މަސައްކަތުގެ ބުރަކަން އިހުސާސުކޮށް، ދެނެގަތުމަށް ޓަކައެވެ.

ކުރިންވެސް ނަންގަނެވުނު ފަދައިން، ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު ޖަރުމަނުވިލާތް އޮތީ އެއްކޮށް ހަލާކުވެ ފުނޑު ފުނޑުވެފައެވެ. މިކަމުގެ ހިއްސީ ތަސައްވުރެއް ހިތަށް ގެނައުމަށްޓަކައި ބައެއް ވާހަކަތައް ލިޔެލާނަމެވެ.

  • ހަނގުރާމައިގައި ޖަރުމަނުގެ 7މިލިޔަން މީހުން މަރުވި އެވެ. އެއީ އޭރުގެ ޖަރުމަނުވިލާތުގެ މީހުންގެ، ގާތަގަނޑަކަށް، 9 ޕަސެންޓު މީހުންނެވެ. މީގެ އިތުރުން އެތައް މިލިޔަން މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އެތައް މިލިޔަން މީހުންވަނީ އަސީރު ކުރެވިފައެވެ. އެއަދަދު 11 މިލިޔަން ކަމުގައި ބުނެވެއެވެ. އަދި، ޖަރުމަނުވިލާތުގެ އެތައް ރައްޔިތުންނެއް ވަނީ ގެދޮރު ނެތިފައެވެ. އަދި މަސައްކަތްކުރާނޭ މީހުން މަދުވެފައިވުންވެސް ފާހަގަކޮށްލަން ޖެހެއެވެ. ހަނގުރާމައިގައި އެތައް ބަޔަކު މަރުވެދިޔުމާއި ޒަޚަމްވެފައި ވުމާއި އެތައް ބަޔަކު އަސީރުކުރެވިފައިވުމާއި އާއްމުންގެ އެތައް ބަޔަކު ޖަރުމަނުވިލާތް ދޫކޮށް ހިޖުރަވެސް ކުރުމުގެ ސަބަބުންނެވެ.
  • ޖަރުމަނުވިލާތުގެ ރަށްތައް ފުނޑުފުނޑުވެ ހަލާކުވެފައިވާ މިންވަރު ހިތަށް ގެނައުމަށްޓަކައި ބުރިބުރިއަށް ނެގިފައިވާ އިމާރާތްތަކެއް ހިތައް ގެންނަވާށެވެ. މިސާލަކަށް މާލެ މިހާރު އޮތްގޮތް ހިތަށް ގެންނަވާށެވެ. އަދި އެހުރިހާ އިމާރާތްތަކެއް އެއްފަހަރާ ތަޅާލެވިއްޖެނަމަ، ދެން މާލެ، އޮންނާނޭގޮތް ޚިޔާލަށް ގެންނަވާށެވެ. އަދި، މާލެއަށް ވުރެ އެތައް ގުނައެއް ބޮޑު، އަދި އިމާރާތްތައް ގިނަވެފައި އުސް، ރަށްރަށުގެ އިމާރާތްތައް، މިހެން ތަޅާލައި ހަލާކު ކޮށްލެވުމުން އޮންނާނެގޮތް ހިތަށް ގެންނަވައި، ތަސައްވުރު ކޮށްލައްވާށެވެ. އާދެ، ހިތަށް ފެނިގެން ދަނީ ގަލާއި ވެއްޔާއި ސިމެންތިއާއި ދަނގަޑުތަކުގެ ކުނިބުންޏެވެ. ގޭގޭގައްޔާއި ފެކްޓަރީތަކުގައްޔާއި އަދިވެސް އެހެނިހެން ތަންތަނުގައި ހިފާ ގެންގުޅޭ ސާމާނުތަކުގެވެސް ކުނިބުންޏެވެ. ޖަރުމަނުވިލާތުގެ ބައެއްރަށް ރަށް ވަނީ މިފަދަ ގޮތެއްގައި ފުނޑުފުނޑުވެ، އެއްކޮށް ބިމާ ހަވެފައޭ ބުނާ ވަރަށް ހަލާކުވެފަ އެވެ. މިކަން ތަސައްވުރު ކޮށްލެއްވުމުގެ ގޮތުން، ލޯ މަރުއްވާލައްވާފައި 2004ގެ ސުނާމީގައި އެއްކޮށް ހަލާކުވެގެން ދިޔަ އަޅުގަނޑުމެން ރާއްޖޭގެ ރ.ކަނދޮޅުދޫ ފަދަ ރަށްރަށް ހިތަށް ގެންނަވާށެވެ. ތަނެއް އެއްކޮށް ހަލާކުވީމާ އޮންނާނޭ ގޮތުގެ މަންޒަރު ހިތަށް ތަސައްވުރު ކުރެއްވޭ ނޫންތޯ އެވެ؟
  • ރަށްރަށުގެ އިމާރާތަތައް ހަލާކުވެ ދިޔުމުގެ އިތުރުން، އެރަށްރަށުގެ ތަހުތީ ބިނާ (އިންފްރާ ސްޓްރަކްޗަރ) ވެސް ވަނީ ހަލާކުވެފަ އެވެ. މަގުތަކާއި، ރޭލު ދަގަނޑުތަކާއި ޓުރޭމު ދަނގަޑުތައްވެސް ވަނީ އެއްކޮށްހެން ހަލާކުވެފަ އެވެ.
  • ދެވަނަ ބޮޑު ހަނގުރާމައިގެ ނަތީޖާ ލަފާ ކުރެވި، އަދި ހަލީފުންގެ ބާރުތަކަށް (އެލައިޑް ފޯރސަސް) – އިނގިރޭސިނާއި ސޯވިއެޓުންނާއި އަދި އެމެރިކާނުނަށް – ކާމިޔާބު ލިބޭނެކަން ޔަގީންވުމުން، މިބާރުތައް އެއްވެގެން، 1945ގައި، ޕޮޓްސްޑޭމްގެ ބައްދަލުވުން ބޭއްވުނެވެ. މި ބައްދަލުވުމުގައި، ނިންމުނު ކަންތައްތަކުގެ ތެރޭގައި ޖަރުމަނު ވިލާތުގެ ‘ސިންގާގެ ވަކިތައް ކަނޑާން’ ނިންމުނެވެ. ޖަރުމަނުވިލާތުގެ ބާރު، އަސްކަރީގޮތުންނާއި އިގުތިސާދީ ގޮތުން، ކުޑަކުރެވިފައި ބޭއްވުމަށް ނިންމުނެވެ. މިގޮތުން، ޖަރުމަނު ވިލާތަކީ ދަނޑުގޮވާން ކުރުމާއި އަދި ގެރިބަކަރި ގެންގުޅޭ ރާއްޖެއެއްގެ ގޮތުގައި ބޭއްވުމަށް ކަނޑައެޅުނެވެ.

މިކަމަށް އަމަލީ ސިފައެއް ގެނެވުމުގެ ގޮތުން ޖަރުމަނުގެ ބަރު އުފެއްދުންތަކުގެ ސިނާއަތް  (ދަގަނޑާއި ހަތިޔާރު، ބޮޑެތި މެޝިންތަކާއި އެފަދަ މެޝިންތަކަށް ބޭނުންވާ އާލާތްތައް، ކަނޑުބޯޓު ފަހަރާއި، މަތިންދާބޯޓު، މިފަދަ އެއްޗެތި އުފެއްދުމުގެ ސިނާއަތްތައް) ރޫޅާލެވުނެވެ. މިއުފެންދުންތަކުގެ ފެކްޓަރީތައް ރޫޅައިލައިގެން، އިނގިރޭސިންނާއި ފަރަންސޭސިނާއި އަދި ސޯވިއެޓުން ގެންދިޔައެވެ. 1950ގައި އިނގިރޭސީންނާއި ފަރަންސޭސިން، މިކަން، ހުއްޓާލިއެވެ. (ޝައްކެއްނެތް ގޮތުގައި ސޯވިއެޓް ޔުނިއަންގެ ސިނާއީ ކުރިއެރުމަށް މިކަން ވަރަށް ބޮޑަށް އެހީވެދިނެވެ.)

ދެވަނަ ބޮޑުހަނގުރާމަ ފެށުނުއިރު ޖަރުމަނުވިލާތަކީ ޓެކްނޮލޮގީގެ ރޮގުންވެސް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއްގައުމެވެ. އެމީހުންގެ އަތްމަތީ އެތައް އެތައް ‘ފިކުރީ މުދަލެއް’ އޮތެވެ. މިއެއްޗެތި ވެސް، ޖަރުމަނުވިލާތު އަތުން ނިގުޅައިގަނެވި، ބޭރުގެ އެހެން ކުންފުނިތަކަށް ދެވުނެވެ. މީގެ ތަފްސީލު ހޯއްދެވުމަށް، ޖޯން ގިމްބަލްގެ، “ސައިންސް، ޓެކްނޯލޮޖީ އެންޑް ރިޕަރޭޝަންސް: އެކްސްޕޮލޮއިޓޭޝަން އެންޑް ޕްލަންޑަރ އިން ޕޯސްޓް ވާރލޑް ވޯރ ޖާރމަނީ”، (ސައިންސާއި ޓެކްނޯލޮޖީ އަދި ބަދަލުދިނުން: ދެވަނަ ބޮޑުހަނގުރާމަ ނިމުމަށް ފަހު ޖަރުމަނުވިލާގުގައި ހިންގުނު ލޫޓުވުމާއި ނާޖާއިޒު ފައިދާ ނެގުން) މިފޮތް، ބައްލަވާލައްވާށެވެ. މި ‘ފިކުރީ މުދާ’ ނިގުޅައި ގަތުމުން ޖަރުމަނަށް ލިބުނު ގެއްލުން ދިހަބިލަޔަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ބެލެވެ އެވެ. އަދި މިއަދަދު، އަދުގެ ހިސާބުތަކުން އަދަދުކޮށްލާއިރު، 100ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ މަތިވާނޭ ކަމަށްވެސް ލަފާކުރެވެ އެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުގެ ހުނަރުވެރި އެތައް އިލްމުވެރިންނެއް އެމެރިކާގައާއި ސޯވިއެޓް ޔުނިއަންގައި މަސައްކަތް ކުރަން ޖެއްސިއެވެ.

  • ދެވަނަ ބޮޑުހަނގުރާމައިގައި، އެހެން ގައުމުތަކަށް ލިބުނު ގެއްލުންތައްވެސް، ޖަރުމަނުވިލާތުން އުފުލަން ޖެހުނެވެ. މީގެ މާނައަކީ ހަނގުރާމައިގައި އެހެން ގައުމުތަކަށް ލިބުނު ގެއްލުމުގެ ބަދަލު، ‘ރިޕަރޭޝަންސް’، ޖަރުމަނަށް ވިލާތުން އެގައުމުތަކަށް ދައްކާން ޖެހުމެވެ. މީގެ އިތުރުން، ހިޓްލަރުގެ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތާއި އެކަމާއި ގުޅިފައިވި އަނިޔާތަކުގެ ސަބަބުން މަރުވެ ދިޔަ އެތައް މިލިޔަން ޔަހޫދީންނަށާއި އެމީހުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލުވެސް ދޭންވެސް ޖަރުމަނުން ނިންމި އެވެ. އަދި، މިގޮތުން 2000 ގެ އަހަރުތަކުގެ ދެވަނަ ދިހަ ފެށެންދެން، އޭގެ ބަދަލު، އިޒްރޭލަށް ދީ، އެ’ދަރަނި’ވެސް ޚަލާސް ކުރިއެވެ.

އަދި މިހުރިހާ ކަމެއްގެ އިތުރުން، ޖަރުމަނުވިލާތުގެ މިނިވަންކަން ގެއްލުނެވެ. އަދި، 1937ވަނަ އަހަރު، ޖަރުމަނުވިލާތް ކަމުގައި ބެލެވުނު ސަރަހައްދުގެ 25 ޕަސެންޓު، 1945 ގައި، ގެއްލުނެވެ. އަދި މުޅި ގައުމު، އެންމެ ފުރަތަމަ ހަތަރު ބަޔަށް، އަދި ފަހުން، ދެބަޔަށް ބައި ކޮށްލެވުނެވެ. އެ ދެބައި 1949ގައި ވެގެން ދިޔައީ ހުޅަނގު ޖަރުމަނަށާއި އިރުމަތީ ޖަރުމަނަށެވެ. ހުޅަނގު ޖަރުމަނު އޮތީ އިނގިރޭސީންނާއި ފަރަންސޭސީނާއި އަދި އެމެރިކާނުންގެ ބާރުގެ ދަށުގައެވެ. އިރުމަތީ ޖަރުމަނު އޮތީ ސޯވިއެޓް ޔުނިއަންގެ ދަށުގައި ކޮމިއުނިސްޓު ގައުމެއްގެ ގޮތުގައިއެވެ. 1991 ދެ ޖަރުމަނު އަލުން އެއްކޮށްލެވެން ދެނެވެ.

ޖަރުމަނުވިލާތު އަލުން ބިނާކުރުމުގެ ވާހަކަ ދައްކާއިރު އިޝާރަތް ކުރެވެނީ ހުޅަނގު ޖަރުމަނަށްކަން ހަނދާން ކޮށްލާން ޖެހެއެވެ.

ޖަރުމަނުވިލާތް ދެބައިކޮށްލުން ގުޅެނީ، ދެވަނަ ބޮޑުހަނގުރާމަ ނިމުމާއި ވިދިގެން، ހުޅަނގާއި އިރުމައްޗާއި ދެމެދު، އާދެ، ރައުސްމާލީ ހުޅަނގު ޔޫރަޕާއި އަދި އެމެރިކާ އާއި ކޮމިއުނިސްޓު ސޯވިއެޓް ޔުނިޔަން އާއި ދެމެދުގައި އޮތް ‘ފިނި ހަނގުރާމަ’އިގެ ވާދަވެރިކަމާ އެކަންޏެއް ނޫނެވެ. މި ބައިކޮށްލުން، ޖަރުމަނުވިލާތް، އަސްކަރީ ގޮތުންނާއި އަދި އިގުތިސާދީ ގޮތުން ވެސް، ބަލިކަށި ގައުމެއްގެ ގޮތުގައި ބޭއްވުމާއި ވެސް ގުޅެއެވެ. އާދެ، މިގޮތަށް، ޖަރުމަނު ވިލާތް ދެބައި ކޮށްލެވިފައި އޮތީ، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އަލުން، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޖަރުމަނު ވިލާތް، ހަނގުރާމައިގެ ވަޅުގަނޑުން އަރައިގަނެ، އަލުން ކުރިއަރައި، 1939ގައި ދެވަނަ ބޮޑުހަނގުރާމަ ފަށައިގަތުމަށް ލިބުނުފަދަ އަސްކަރީ އަދި އިގްތިސާދީ ކުޅެދުން، ލިބިދިޔަ ނުދިނުމަށްޓަކައި ވެސްމެއެވެ.

މަތީގައި މިދެންނެވި ކަންތައްތަކަށް ބަލައިލުމުން ޖަރުމަނުވިލާތް، ދެވަނަ ބޮޑުހަނގުރާމަ ނިމުނު އިރު ވެއްޓިފައިއޮތް ފުން ވަޅުގަނޑު ފެނި، އެނގިގެން ދެއެވެ. އަދި، އެވަޅުގަނޑުން އަރައިގަނެ، އަލުން ޖަރުމަނުވިލާތް ބިނާ ކުރުމަކީ ކިހާ ދަތި ކިހާ އުނދަގޫ، ކިހާ ބޮޑު ކަމެއްކަންވެސް ވިސްނޭ މެއެވެ.

ކޮންމެއަކަސް ޖަރުމަނުވިލާތް، މިކަން ކުރިއެވެ. އެގައުމުގެ މީހުން، އެމީހުންގެ ގައުމު އަލުން ބިނާކުރި އެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު، އެމީހުން ވެއްޓިފައި އޮތް ފުން ވަޅުގަނޑުން، ދާދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި، އަރައިގަތެވެ. ހަނގުރާމަ ނިމުނުތާ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ޔޫރަޕުގެ އެންމެ ވަރުގަދަ އިގްތިސާދެއް އޮތް އެއް ގައުމަކަށް ޖަރުމަނު ވިލާތް ވެގެން ދިޔައެވެ. 1957ގައި ޔޫރަޕްގެ އިގްތިސާދީ އިއްތިހާދު އުފެދުނު އިރު، ޖަރުމަނުވިލާތް ހިމެނުނީ އެ އިއްތިހާދު އުފެއްދި އަސާސީ މެމްބަރެއްގެ ގޮތުގައެވެ.

ދެން، މިސިލްސިލާގެ ފުރަތަމަ ވާހަކައިގެ ދެވަނަ ބައިގައި، އަޅުގަނޑު ބަލާލަން ގަސްދު ކުރަނީ މިކަން، ޖަރުމަނުވިލާތް އަލުން ބިނާކުރުން، މެދުވެރިކުރުވި ސަބަބު ތަކާއެވެ. ކުރިއަރަން މަސައްކަތް ކުރާ ބަޔަކަށް، މިކަމުން ލިބެން އޮތް ދަރުސް، ފިލާވަޅު، ފާހަގަ ކޮށްލުމުގެ ބޭނުމުގަ އެވެ. އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގަ އެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top