ހިޖުރަކުރާ ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

dhooni.jpg

މިދުވަސްވަރަކީ ހިޖުރަކުރާ ދޫނި އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުން ވަރަށް ގިނަ އަދަދަކަށް ރާއްޖެއަށް އަންނަ ދުވަސްވަރަކަށްވެފައި އެފަދަ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިގޮތަށް ހިޖުރަކުރާ ދޫންޏަކީ “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު” ގެ ދަށުން ހެދިފައިވާ “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު” ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށެވެ.

ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެކަމާ ކަންބޮޑުވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީވެ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު “ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއ ބަދަލު ހޯދުމުގެ ގަވާއިދު” އާއި “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު” ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، މި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އީޕީއޭ އިން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top